ސަބްމެރިން ކާހިތް ނުވާނީ ކާކު؟
މިއީ އާންމުކޮށް ބޭރުން ކާއެއްޗެއް ގެންނައިރު، ނުވަތަ ބޭރަށް ގޮސް ކާއިރު ގިނަ ބަޔަކު އެންމެ ގިނައިން އޯޑަރު ކުރާ އެކަތި ދެއްތޯ؟ އެހެންވީމަ މިފަހަރު މި ގެނެސްދެނީ ގޭގައި ޗިކަން ސަބްމެރިން ތައްޔާރު ކުރާނެ ގޮތެވެ.
ބޭނުންވާނެ ތަކެތި:
° 150 ގްރާމް ކުކުޅު (ކުދިކޮށް ކޮށާފައި)
° ރަހަލާ ވަރަށް ލޮނާއި އަސޭމިރުސް
° 50 ގްރާމް ކޯންފްލާ
° 50 ގްރާމް ފުށް
° ތެލުުމަށް ތެޔޮކޮޅެއް
° ހިކި މިރުސް
° 1 ލޮނުމެދުކޮޅު
° 60 ގްރާމް ޓޮމާޓޯ ސޯސް
° 50 ގްރާމް ޗިލީ ސޯސް
° 2 މޭޒުމަތީސަމުސާ ޗިލީ ފްލޭކްސް
° 1 ސައިސަމުސާ ބަޓަރު
° 1 ސްލައިސް ޗީޒް
° 1 ޓޮމާޓޯ (ފޮތިކޮށްފައި)
° ލެޓިއުސް
° ސަބްމެރިން ބަނަހެއް
ތައްޔާރުކުރާނެ ގޮތް:
° އެންމެ ފުރަތަމަ ކޮށާފައި ހުރި ކުކުޅުކޮޅަށް ލޮނާއި އަސޭމިރުސް އަޅައި ސީޒަން ކޮށްލާށެވެ.
° ދެން ކުކުޅުކޮޅަށް ފުށް އަދި ކޯންފްލާ އަޅައި އެއްކޮށްލައި، ތެލުލާށެވެ. ކުކުޅުކޮޅު މުށި ކުލައަށް ބަދަލުވަންދެން ތެލުލާފައި، ދެން ނަގައި އެއްފަރާތުގައި ބަހައްޓާލާށެވެ.
° އޭގެފަހުނަ ޕޭންއެއް ހޫނުކޮށްލާފައި ބަޓަރާއި، ކޮށާފައި ހުރި ލޮނުމެދުކޮޅާއި މިރުސްކޮޅު މީރުކޮށްލާށެވެ. ޕޭންއަށް ޓޮމާޓޯ ސޯސް، ޗިލީ ސޯސް، ޗިލީ ފްލޭކްސް އަޅައި އެއްކޮށްލާށެވެ. އަދި އެއަށްފަހު ކުކުޅުކޮޅުވެސް އެއަށް އަޅައި އެއްކޮށްލުމަަށްފަހު އުނދުނުން ޕޭން ނަގާށެވެ.
° ދެން ސަބްމެރިން ބަނަސް ފަޅިކޮށްލުމަށްފަހު، ދެ ފަޅިވެސް ގްރިލްގައި ޓޯސްޓް ކޮށްލުމަށްފަހު، ކުރިން ހެދި ކުކުޅުކޮޅާއި، އަދި ލެޓިއުސްއާއި ޓޮމާޓޯ އަދި ޗީޒް ސަބްމެރިން ބަނަހުގެ އެތެރެއަށް އަޅާލާށެވެ.




