ޖިންސީ ކުށުގެ އެތައް އަމަލެއް ހިންގުމުގެ ކުށުގައި ޖަލަށް ލާފައި ވަނިކޮށް އަމިއްލައަށް މަރުވި ޖެފްރީ އެޕްސްޓީންއާ ގުޅުން ހުރި މައްސަލައެއްގައި އިނގިރޭސިވިލާތުގެ ކުރީގެ އެމްބެސެޑަރު ޕީޓާ މެންޑޭލްސަން އިއްޔެ ހައްޔަރުކޮށްފިއެވެ.
އިނގިރޭސިވިލާތުގެ ލޭބާ ޕާޓީގެ އިސް ބޭފުޅެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އަދި އިނގިރޭސިވިލާތުން އެމެރިކާއަށް ކުރިން ކަނޑައަޅާފައި ހުންނެވި ސަފީރުގެ މަގާމު ވެސް ފުރުއްވާފައިވާ މެންޑޭލްސަން ހައްޔަރު ކުރީ ލަންޑަންގައި ހުންނަ އޭނާގެ ގޭގައި ހުންނަވަނިކޮށެވެ.
ފުލުހުން މެންޑޭލްސަންގެ ނަން ސީދާ ހާމަ ނުކޮށް، ބުނީ 72 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވަނީ ރަސްމީ މަސައްކަތް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި ސުވާލު ކުރުމަށް ލަންޑަން ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ކަމަށެވެ.
މެންޑޭލްސަންގެ ހައްޔަރާ ގުޅޭ ގޮތުން އޭނާގެ ވަކީލުންގެ ފަރާތުން އަދި އެއްޗެއް ނުބުނެއެވެ.
ކުޑަކުދިންނާ އެކު ޖިންސީ އަމަލުތައް ހިންގުމުގެ ސީރިއަސް ތުހުމަތުތައް ކުރެވިފައި ވަނިކޮށް އެޕްސްޓީން ފައިލްސް އިން ހާމަވެފައިވާ ގޮތުގައި އެންޑްރޫ ވަނީ އުމުރުން 18 އަހަރުން ދަށުގެ ކުދިން ޔޫކޭއަށް ވެސް ގެންގޮސް އެ ކުދިންނާ އެކު ނަހަމަ ގުޅުންތައް ބާއްވައިފައެވެ.
އެންޑްރޫގެ ބޭބެ އަދި ރަސްގެފާނު ޗާލްސް މިދިޔަ އަހަރު ވަނީ އެންޑްރޫއަށް ކުރެވުނު ތުހުމަތުތަކާ އެކު އޭނާގެ ހުރިހާ ލަގަބުތަކެއް އަތުލައި ގަނޑުވަރުން ނެރެލައިފަ އެވެ. އެކަން ފެންމަތިވެފައިވަނީ، އެޕްސްޓީންގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ބުނާ އަންހެނަކު، އޭނާގެ އުމުރުން 18 އަހަރު ވުމުގެ ކުރިން އެންޑްރޫގެ ޖިންސީ ބޭނުންތަކަށް ޔޫކޭއަށް ގެންދިޔަ ކަމަށް ބުނެ ތުހުމަތުކުރި ހިސާބުންނެވެ.
އެޕްސްޓީންގެ އެކުވެރިއެއް ކަމަށްވާ އިނގިރޭސި ވިލާތުގެ ކުރީގެ ޕްރިންސް އެންޑްރޫ ވެސް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ހައްޔަރުކޮށްފައެވެ.
އެންޑްރޫ ހައްޔަރު ކޮށްފައިވަނީ ވިޔަފާރީގެ މަންދޫބެއްގެ މަގާމުގައި ހުންނެވި އިރު ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރެއްވި ކަމުގެ ތުހުމަތުގައެވެ.
”ރަސްމީ ވަޒީފާގައި ހުންނެވި އިރު ނަހަމަ ގޮތުގައި އަމަލުތައް ބެހެއްޓުމުގެ ތުހުމަތުގެ ތަހުގީގަށް މިއަދު (19/2) ވަނީ ނޯފޯކް އިން އުމުރުން 60 އިން އަހަރުން މަތީގެ މީހަކު ހައްޔަރުކޮށްފައި،“ ތުހުމަތުކުރެވޭ މީހާގެ ނަން ހާމަނުކޮށް ތޭމްސް ވެލީ އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.



