ހދ. ކުޅުދުއްފުށީގައި ވަގުރުކު އެޅި މީހަކު ޖަލަށްލާން އެ ރަށު ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައަކީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ އިރާކޮޅު، ކުޅުދުއްފުށީ މީހަކު، އެ ރަށު ގެއަކަށް ހުއްދަނެތި ވަދެ އެގޭ ރުކަކުން 26 ކުރުނބާ އެޅި މައްސަލައެވެ.
މި މައްސަލައިގައި ދައުލަތުން އެ މީހާގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ ވައްކަން ކުރުމުގެ ދައުވާއާއި އެނގިހުރެ ހުއްދަ ނޫން ތަނަކަށްވަނުމުގެ ދައުވާއެވެ.
މިދިޔަ ނޮވެމްބަރު މަހު ކޯޓަށް ހުށަހެޅި މި ދެ ދައުވާގެ ޝަރީއަތުގައި، ދައުވާ ލިބުނު މީހާވަނީ އެ ދެ ދައުވާއަށް ވެސް އިއުތިރާފުވެފައެވެ. ދައުވާއަށް އިއުތިރާފުވެ، ޝަރިއަތުގައި އޭނާ އެދުނީ އޭނާއަށް ވީހާވެސް ލުއި އަދަބެއް ކަނޑައަޅައި ދިނުމަށެވެ. އެހެންނަމަވެސް އޭނާގެ މައްޗަށް އެފަދަ އެތައް ކުށެއްގެ ތުހުމަތު ކުރެވޭތީއާއި އަދި މިހާރު ވެސް އެފަދަ އެހެން މައްސަލައެއް ޕީޖީ އޮފީހުގައި އޮތުމުން، އަދަބު ލުއިކޮށްދިނުމަށް ދައުލަތުން ޝަރީއަތުގައި ދެކޮޅު ހެދިއެވެ.
މި ދެ މައްސަލައިގެ ތެރެއިން، އެނގިހުރެ ހުއްދަ ނޫން ތަނަކަށްވަނުމުގެ ދައުވާގެ އަދަބެއް ގޮތުން ކޯޓުން އެ މީހާގެ މައްޗަށް އިއްވީ، އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ވައްކަމުގެ ކުށް ސާބިތުވެ، ވައްކަމުގެ ހުކުމެއްގެ ގޮތުގައި އިއްވީ، ތިން މަހާއި 10 ދުވަހުގެ ހުކުމެކެވެ. އެއީ، މި މައްސަލައާ ގުޅިގެން އެ މީހާ ބަންދުކޮށްފައި ހުރި މުއްދަތު އުނިކުރުމަށް ފަހު ދެން ބާކީ އޮތް މުއްދަތެވެ.
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މި މައްސަލަ އެ ކޯޓުން ނިންމީ އިއްޔެއެވެ.




