މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އެމްޓީޑީސީ) ގެ އައު އޮފީސް އިމާރާތުގެ މަސައްކަތް ނިންމާ އެޕްރީލް މަހު ހުޅުވާނެކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ނިޔާޒް ވިދާޅުވެއްޖެއެވެ.
މިކަމާ ބެހޭގޮތުން ނިޔާޒް ވިދާޅުވީ، މި އިމާރާތުގެ މަސައްކަތް ނިންމުމުން ކުންފުނީގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ނިޔާޒު ވިދާޅުވީ، ހުޅުމާލޭ ފޭސް 1ގެ ސެންޓްރަލް ޕާކުގެ ކުރިމައްޗަށްވާ ގޮތަށް ތަރައްޤީކޮށްފައިވާ މި އިމާރާތުގެ ގިނަ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ސީލިންގް އެޅުމާއި، ތަޅުމުގައި މުށިޖެހުމާއި، ފަޔަރ ޕްރޮޓެކްޝަން ސިސްޓަމް ހަރުކުރުމުގެ އިތުރުން ބޭރުގެ ފިނިޝިންގ މަސައްކަތްތައް ކަމަށް ވެސް ވިދާޅުވިއެވެ.
ނިޔާޒު ވިދާޅުވީ، އައު އޮފީސް އިމާރާތުގެ ހުރިހާ މަސައްކަތެއްވެސް އަންނަ މާރިޗު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. އަދި މި އިމާރާތް އެމްޓީޑީސީގެ އަހަރީ ދުވަހާއި ދިމާކޮށް، އަންނަ އެޕްރީލް މަހުގެ 9ވަނަ ދުވަހު ހުޅުވޭނެ ކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.
އެމްޓީޑީސީގެ އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރުއެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އެޗްޑީސީ) އާއެކު ބިން ގަތުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު، މި އިމާރާތުގެ އަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ ހުނާން ނަންބަރު 6 އިންޖިނިއަރިންގ ކޮމްޕެނީއާއެވެ. މި އިމާރާތް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ގެޑޯ އާކިޓެކްޓްސްއިންނެވެ.




