ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަކީ ރަނގަޅުކަމެއް ކަމުގައި ބައެއް ރައްޔިތުން ބުނެފިއެވެ.
ލޯކަލް ކައުންސިލް އިންތިހބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. މި އިންތިހާބާއެކު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް މުޅި ރާއްޖެއަށް ހުޅުވާލައިގެން ނެގުމަށް ވެސް ވަނީ ނިންމާފައެވެ.
ޚިޔާލު ހޯދުމުގެ ވޯޓު ނަގަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމާއިމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށެވެ.
ދެ އިންތިހާބު އެއްކޮށްލުމާމެދު މިދުވަސްކޮޅު ގިނަ ވާހަކަތަކެއް ދެކެވެމުންދާއިރު، ބައެއް މީހުން މިކަމާ ދެކޮޅެވެ. މިއީ އެކަން ކޮށްގެން ވާނެ ގޮތެއް ނޫން ކަމަށާއި މިފަދައިން ދެ އިންތިހާބު އެއްކޮށްލުމަށް އަދުގެ ސަރުކާރުން މަސައްކަތް ކުރަނީ، ހުރިހާ ބާރުތަކެއް ނެގުމަށް ކަމަށް ވެސް އެއްބަޔަކު ބުނަމުން ދެއެވެ.
ނަމަވެސް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މެދުގަައި ދާދިފަހުން ހެދި ސާވޭއެއްގަައި ގިނަ ރައްޔިތުން ބުނެފައިވަނީ ދެ އިންތިހާބު އެއްކޮށްލުމަކީ ވަރަށް ބުއްދިވެރިކަމެއް ކަމަށެވެ. އެއީ ދެ އިންތިހާބު ވަކިން ބާއްވާކަމަށް ވަނީނަމަ ސަރުކާރަށް ވަރަށް ގިނަ ޚަރަދުތަކެއް ކުރަން ޖެހޭނެ ކަމަށް ރައްޔިތުން ބުނެފައިވެއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން އިލެކްޝަން ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ މި ވޯޓާއި ހަމައަށް ދާއިރު ރައްޔިތުން ސަމާލުކަން ދޭން ޖެހޭ ކަންކަން ހުރި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއް ދުވަހެއްގައި ކައުންސިލް އިންތިޚާބާއެކު އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓުގެ ކަންކަން ކުރިއަށްގެންދަން ހަމަޖެހިފައިވިޔަސް ވޯޓުލުމުގެ މަރުހަލާއަށް މާ ބޮޑު ބަދަލުތަކަށް ނާންނާނެ ކަމަށެވެ. އެހެންނަމަވެސް ފެންނަ ނުފެންނަ ވޯޓަށް ޚާއްސަ ވޯޓު ކަރުދާހެއް ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
”ވާދަ ކުރާ އިންތިޚާބުތަކާއި ފެންނަ ނުފެންނަ ވޯޓެއް ނެގުމާއި ތަފާތު ދެކަމެއް މިއީ. ވާދަ ކުރާ އިންތިޚާބުތަކުގައި ބަޔަކު މަޤާމަކަށް އިންތިޚާބުކުރަން ވޯޓުލާންޖެހެނީ. އެހެންނަމަވެސް ފެންނަ ނުފެންނަ ވޯޓުގައި ނޯންނާނެ ހޮވާކަށް. އޮންނާނީ ވޯޓު ކަރުދާހުގައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ޚިޔާލު ހޯދުމަށް އައްސަވާ ސުވާލާއި އެކަމަށް ފެންނަ ކަމަށް ނުވަތަ ނުފެންނަ ކަމަށް ވޯޓު ދިނުމަށް“ ހަސަން ވިދާޅުވިއެވެ.
ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް އިދިކޮޅުގެ ފަރާތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ ތާއީދު ކުރައްވާފައެވެ.




