އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ”ސެޓިފިކެޓް 1 އިން ޕޯޓް ސެކިއުރިޓީ ޓްރެއިނިންގ“ ކޯސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑު(އެމްޕީއެލް)ގެ މުވައްޒަފުންތަކެއް ފުރިހަމަކޮށްފި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(ޢެމްއެންޑީއެފް) އިން ބުނީ، މިކޯހަކީ، ސީ ޕޯޓް ސެކިއުރިޓީގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ހުނަރާއި ޢިލްމު އުނގަންނައިދީ ހަރުދަނާ ސެކިއުރިޓީ އޮފިސަރުން އުފެއްދުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ކޯހެއް ކަމަށެވެ. އަދިމި ކޯހުގައި އެމްޕީއެލްގެ 18 މުވައްޒަފުން ބައިވެރިވެ، ކޯސް ފުރިހަމަކޮށްފައިވާކަމަށް އެމްއެންޑިއެފް އިން ބުނެފައި ވެއެވެ.
2023 ވަނަ އަހަރު ނޮވެންބަރު 4 ވަނަ ދުވަހުން ފެށިގެން އެއްމަސް ދުވަހަށް ހިންގި މި ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު އިއްޔެ ވަނީ ބާއްވާފަ އެވެ. ބަންޑާރަކޮށީގައި އިއްޔެ ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަނަވަނައަށް ހޮވުނު ބައިވެރިންނަށް ޓްރޮފީއާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ކޯސްޓްގާޑްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމްއެވެ. މި ރަސްމިއްޔާތުގައިި ކޯހުގެ ބައިވެރިންނަށް ބެޖާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ރިޒްމީ ވަލީދުއެވެ. އަދި މި ކޯހުގެ މުދައްރިބުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ، ޢަލީ ހާޝިމްއެވެ.
މި ކޯސް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، އެމްއެންޑީއެފް ކޯސްޓްގާޑްގެ އިސް އޮފިސަރުންނާއި، އެމްޕީއެލްގެ އިސްވެރިންގެ އިތުރުން ކޯހުގެ މުދައްރިބުން ބައިވެރިވަޑައިގެންނެވި އެވެ.
މިއީ، އެމްޕީއެލްގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން އެމްއެންޑީއެފް އިން ހިންގި މީގެ ދެވަނަ ކޯހެވެ. މީގެ ޕުރަތަމަ ކޯސް ހިންގާފައިވަނީ 2020 ވަނަ އަހަރުއެވެ.


