މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތަކަށް ހާއްސަކޮށް މާލެ ސިޓީ ކައުންސިލުން ހުުޅުމާލޭގެ ފޭސް 2ގައި ތަރައްގީކުރި އޮޅުހިޔާ މަރާާމާތުކޮށްދޭނެ ފަރާތެއް ހޯދަން އެގްރިކަލްޗާ މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ.
އޮޅުހިޔާގެ އައިސޮލޭޝަން ޔުނިޓް، ޖެނެރަލް ހޯލްޑިން އޭރިއާގެ ފާހާނާ އަދި އޮފީހާއި ފާރަވެރިންގެ ކޮޓަރި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެ ފަހަރެއްގެ މަތިން ކުރިން ވެސް އިއުލާންކުރިއެވެ.
މި މަހު ދެ ފަހަރަށް އެކަމަށް އިއުލާންކުރީ، މަސައްކަތް ކުރަން ޖެހޭކަންކަން ބަދަލުވެފައިވާތީ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އެކަމާ ގުޅިގެން އެ މިނިސްޓްރީން މި މަހުގެ 9 ވަނަ ދުވަހު ކުރި އިއުލާނުގެ މުއްދަތު މި މަހުގެ 19ވަނަ ދުވަހު ހަމަވި އިރު މިއަދު އަނެއްކާ ވެސް ވަނީ އޮޅުހިޔާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފައެވެ.
އެގްރިކަލްޗާ މިނިސްޓްރީން ބުނީ އަލުން އިއުލާންކުރީ ހުށަހަޅައިފައިވާ އަންދާސީ ހިސާބު ކަނޑައެޅިފައިވާ ބަޖެޓަށްވުރެ ބޮޑުވުމުން ކަމަށެވެ. އެ މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުއެވެ.
އޮޅުހިޔާ ހުޅުވީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އަދި އެތަނަށް ބުޅާތައް ގެންދަން ފެށީ 2025ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އަދި މިދިޔަ ނޮވެމްބަރު މަހު ފަހުކޮޅު އެ މިނިސްޓްރީއާއި ފުލުހުން ގުޅިގެން ވަނީ، މާލެ ސަރަހައްދުގެ މަގުމަތީގައި އުޅޭ ގިނަ ބުޅާތަކެއް އެތަނަށް ގެންގޮސްފައެވެ.




