މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސައިކަލެއްގެ ފަހަތުގައި އިން 16 އަހަރު ދިވެހި ފިރިހެން ކުއްޖަކު މިއަދު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ބޮޑުތަކުރުފާނުމަގު، ޓްރެފިކް ލައިޓް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެގެންގޮސް އެ މަގުގެ ޕޭވްމަންޓް މައްޗަށް އަރައި އެކްސިޑެންޓެއް ވެފައިވާކަމުގެ ރިޕޯޓު ރޭ ދަންވަރު 1:39 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓްވި ސައިކަލް ދުއްވަން އިނީ 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި ފަހަތުގައި އިނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއް ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މީހުންނަށް ފަރުވާ ދިނުމަށް އެ ވަގުތު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އޭގެ ތެރެއިން ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ކުޑަ ކުއްޖާ މިއަދު ވަނީ ނިޔާވެފައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ އެކްސިޑެންޓްވި ސައިކަލް ދުއްވަން އިނީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސެންސް ވެސް ނެތް މީހެއް ކަމަށެވެ.




