ރާއްޖެއާއި ކުވެއިތާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް ދެޤައުމަށްވެސް ފައިދާވާނެ ދާއިރާތަކުން ކުރިއަށްދިޔުމުގެ ފުރުސަތުތައް އެބަހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ކުވެއިތުގެ ޤައުމީ ދުވަހާ ދިމާކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އެމަނިކުފާނު ވަނީ، މިމަހުގެ 25 ވަނަ ދުވަހު ފާހަގަކުރާ ކުވެއިތުގެ ޤައުމީ ދުވަހާއި، 26 ވަނަ ދުވަހު ފާހަގަކުރާ މިނިވަން ދުވަހުގެ ތަހުނިޔާ، އެޤައުމުގެ އަމީރު ޝެއިޚް މިޝަލް އަލް އަޙްމަދު އަލް ޖަބަރު އަލް ސަބާޙްއަށާއި، ކުވެއިތުގެ ބޮޑުވަޒީރު ޝެއިޚް އަޙްމަދު ޢަބްދުﷲ އަލްއަޙްމަދު އަލް ސަބާޙްގެ އިތުރުން ކުވެއިތުގެ ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ، މިދުވަސްތައް ހަނދާންކޮށްދެނީ ކުވެއިތުން ހޯދާފައިވާ ފާހަގަކޮށްލެވޭ ކުރިއެރުންތައް ކަމަށެވެ. އަދި މިފުރުސަތުގައި އެޤައުމުގެ ރައްޔިތުންނަށް އިތުރު ފާގަތިކަމަށް އެދިވަޑައިގަތެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށާއި ރައްޔިތުންގެ ދުޅަހެޔޮކަމަށް، ކުވެއިތު ފަންޑް ފޯރ ޢަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ފަރާތުން ވޭތުވެދިޔަ އަހަރުތަކުގައި ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން ދެޤައުމުގެ ގުޅުން ބިނާވެފައިވަނީ އިތުބާރާއި ދެޤައުމުން ޤަބޫލުކުރާ އެއްގޮތް ހަމަތަކާއި އުސޫލުތަކަށްކަން ފާހަގަކުރައްވާ ރައީސްވަނީ އެގުޅުން އިތުރަށް ބަދަހިކޮށް ދެޤައުމަށްވެސް ފައިދާވާނެ މުހިއްމު ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރެވިދާނެކަމަށް ވިދާޅުވެފައެވެ. އަދި ދެޤައުމުން ގުޅިގެން ކުރާ މަސައްކަތުގެ ސަބަބުން ދެޤައުމުގެ ރައްޔިތުންނަށްވެސް ކުރިއަށް އޮތް ދުވަސްތަކުގައި މަންފާކުރާނެކަމަށް އުއްމީދުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެއާއި ކުވެއިތާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރެވުނީ 1 ޑިސެމްބަރު 1977 ވަނަ އަހަރުގައެވެ.



