ތިނަދޫ ސިޓީގެ ތަރައްގީއަށް ކުރެވިދާނެ ކަންތައްތަކާއި ގުޅެގޮތުން ތިނަދޫ ދެކުނު ދާއިރާގެ އިންތިޚާބީ މެންބަރު،މުހައްމަދު އަލްސަން އަހްމަދު މަޝްވަރާތަކެއް ކުރައްވައިފި އެވެ.
އަލްސަން ވަނީީ ވޭސްޓްމެނޭޖްމެންޓް ކޯޕަރޭޝަން(ވެމްކޯ) އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން(އެސްޓީއޯ) ގެ ވެރިންނާއި ބައްދަލުކުރައްވައި ތިނަދޫގެ ތަރައްގީއާއި އަދި އެކުންފުނިތަކުން ތިނަދޫގައި ދެމުންގެންދާ ޚިދުމަތްތައް ފުޅާކުރުމާއި ބެހޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވާފަ އެވެ.
އަލްސަން އިއްޔެ ވަނީ ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރު، މުޖުތަބާ ޖަލީލާއިއެކު ބައްދަލުވުމެއް ބާއްވަވައި ތިނަދޫގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ކުރެވެމުންދާ މަސައްކަތާއި ގުޅެގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އެ ބައްދަލުވުމުމުގައި، ތިނަދޫގެ ކުނި ކޮށި އެހެން ސަރަހައްދަކަށް ބަދަލުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައި ވެއެވެ. އަދި، މި މަހުގެ ފަހުކޮޅު ވެމްކޯގެ ޙިދުމަތްތައް ތިނަދޫގައި ރަސްމީކޮށް ފަށާނެކަމުގެ ވާހަކަ ހިއްސާކުރައްވައި،ތިނަދޫގެ ތަރައްގީގެ ހުރިހާ މަސައްކަތްތައް ގުޅިގެން ކުރައްވާނެކަމުގެ ޔަގީންކަން ވެމްކޯގެ އެމްޑީ، މުޖުތަބާ ދެއްވި ކަމަށް އަލްސަން ވިދާޅުވެފައި ވެއެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް އާއެކު މިދިޔަ އާދީއްތަ ދުވަހު އަލްސަން ވަނީ ބައްދަލުވުމެއް ބާވާފަ އެވެ. މި ބައްދަލުވުމުގައި، ތިނަދޫގެ ތަރައްގީގެ ކުރިމަގާއި ބެހޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވުނުކަމަށް އަލްސަން ވިދާޅުވެފައި ވެއެވެ. އަދި އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައް ވަރަށް އަވަހަށް ހަގީގަތަކަށްވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށްވެސް އަލްސަން ވިދާޅުވެފައި ވެއެވެ.
އަލްސަން އަކީ ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރެއްވި އެންމެ ހަނގު ބޭފުޅާއެވެ. އުމުރުން 26 އަހަރުގެ އަލްސަން އިންތިޚާބު ކާމިޔާބު ކުރެއްވީ މައި އިދިކޮޅު އެމްޑީޕީއާއިި ވެރިކަންކުރާ ކޯލިޝަންގެ ކެންޑިޑޭޓުން ބަލިކޮށްގެންނެވެ.
އަމިއްލަގޮތުން ވާދަކުރައްވައި އިންތިޚާބު ކާމިޔާބު ކުރެއްވި އަލްސަން އަކީ، ރާއްޔިތުންނާއި، ވަކިން ޚާއްސަކޮށް ޒުވާނުންނާއި ގުޅުން ބަދަހި އަދި ތިނަދޫގެ ތަރައްގީއަށް ރައްޔިތުން ގެންގުޅޭ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް ކެރިގެން، ސާބިތުކަމާއެކު މަސައްކަތްކުރައްވާނެ ބޭފުޅެއްކަމަށް ތިނަދޫ ގިނަ ރައްޔިތުން ގަބޫލު ކުރެއެވެ.


