ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ”ސިލްވަރ ޖުބިލީ“ ފާހަގަ ކުރުމުގެ ގޮތުން ޚާއްސަ ގިނަ ހަރަކާތްތަކެއް މިއަހަރަށް ބަހާލައިގެން ބާއްވަން އެ ކުންފުނިން ތައްޔާރުވެއްޖެއެވެ.
އެޗްޑީސީއަށް 25 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ މި ހަރަކާތްތަށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މާރިޗް މަހުން ފެށިގެންނެވެ.
އެގޮތުން ފުޅަނދުބުރަކާއި، ކާނިވަލަކާއި އާޓް ފެސްޓިވަލެއް ވެސް ހިމެނޭގޮތަށް މުޅި އަހަރަށް ބަހާލައިގެން މުޅިއަކު 10 ހަރަކާތެއް ބޭއްވުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.
އެގޮތުން އެ ހަރަކާތްތަށް ފެށުމުގެ ގޮތުންނާއި އެ ކުންފުނީގެ ފައުންޑަރުންނާއި ގިނަ ދުވަހަށް ހިދުމަތް މުވައްޒަފުންގެ އަގު ވަޒަންކުރުމަށް އަންނަ މާރިޗް މަހު އޮތީ ”ފައުންޑާސް ޓްރިބިއުޓް“ އަދި ”ސިލްވަ ވޯކް ވިތު ޓީމް އެޗްޑީސީ“ ގެ ހަރަކާތެވެ.
އެއަށްފަހު އޭޕްރިލް މަހު ”އެނިވާސަރީ ގާލާ“ އިވެންޓެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި އިވެންޓަކީ އެޗްޑީސީގެ 25 އަހަރުގެ ދަތުރުގައި ބައިވެރިވި ބޭފުޅުންނާއި ޕާޓްނަރުން ވެސް ބައިވެރިވާނެ ހަފުލާއެކެވެ. މި ހަފުލާގައި އެ ކުންފުނީގެ ކުރިއެރުމަށް މަސައްކަތްކޮށް ދެއްވި ބޭފުޅުންނަށް އެވޯޑް ދިނުމަށް ހަމަޖެހިފައިވާއިރު ”އަހަރެންގެ ހުޅުމާލެ“ ފޮތް ރަސްމީކޮށް ނެރޭނެއެވެ.
މެއި މަހުގެ ތެރޭގައި ހުޅުމާލޭ ފެސްޓިވަލެއް އޮންނާނެއެވެ. އާންމުންނަށް ހުޅުވާލައިގެން ބާއްވާ މި ހަރަކާތުގައި އާންމުންގެ ހުނަރާއި ސަގާފަތް އަދި ކުދި ވިޔަފާރިތަކަށް ހާއްސަ ފުރުސަތުތަކެއް ލިބިގެންދާނެ އެވެ. އަދި ”ސިލްވަރ ވޮއިސަސް“ ވެސް ހަމަ މެއި މަހުގެ ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ހަރަކާތްތަކުގެ ތެރެއިން އެޗްޑީސީ މުވައްޒަފުންގެ އަހަރީ ހަފުލާ ޖޫން މަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. މި ހަރަކާތަކީ ކުންފުނީގައި ހީވާގިކަމާއެކު މަސައްކަތްކުރާ މުވައްޒަފުންގެ ބުރަ މަސައްކަތާއި މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.
އެޗްޑީސީގެ ފުޅަނދުބުރަކީ މިދިޔަ އަހަރުވެސް އާންމުންގެ ތެރޭގައި ވަރަށް މަގުބޫލުކަމެއް ލިބުނު ހަރަކާތެކެވެ. އެހެންކަމުން އެ ކުންފުންޏަށް 25 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިއަހަރުގެ ޖުލައި މަހުގައި ވެސް ފުޅަނދުބުރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އޮގަސްޓްމަހު އާޓް ފެސްޓިވަލް 2026ގެ ނަމުގައި ހަރަކާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މިއީ ފަންނުވެރިކަމާއި އުފެއްދުންތެރިކަން ފެނިގެންދާނެ ފެސްޓިވަލެެއް ކަމުގައި ވެގެންދާނެއެވެ.
އެޗްޑީސީގެ ފަރާތުން ސިލްވަރ ޖުބިލީ ފާހަގަ ކުރުމަށް މިއަހަރުގެ އޮކްޓޯބަރު މަހު ކާނިވަލެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މުޅި އާއިލާއަށް ބައިވެރިވެވޭ ގޮތަށް ބާއްވާ މި ކާނިވަލުގައި ތަފާތު ކުޅިވަރުތަކާއި ކާބޯތަކެތި އަދި މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް ވެސް ހިމެނޭނެއެވެ.
ހަމައެހެންމެ އެނިވާސަރީ ސްޓާފް ރީޓްރީޓްގެ ނަމުގައި ބާއްވާ ހަރަކާތެއް ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވެއެވެ. ކުޑަގިރީގައި ބާއްވާ މި ހަރަކާތަކީ އެޗްޑީސީގެ މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުން ބޭރުގައި ހިތްހަމަޖައްސާލުމަށާއި އެކަކު އަނެކަކާ އޮންނަ ގުޅުން ބަދަހިކުރުމަށް ލިބޭ ފުރުސަތެކެވެ.
އެޗްޑީސީއަށް 25 އަހަރު ފުރުމުގެ ހަރަކާތްތައް ނިންމާލަނީ ޑިސެމްބަރު މަހު އޮންނަ ރީވައިންޑް 2026 ހަރަކާތުންނެވެ.




