ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު، ކައުންސިލްތަކުގެ ދައުރާއި ވާޖިބު އަދާކުރުން އިތުރަށް ވަރުގަދަވެ، ސަރުކާރާއި ގުޅިގެން ރަށްވެހި ތަރައްޤީއާއި ތަމައްދުން ގެނައުމުގައި ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށްވަމުން ދިއުމަކީ އުއްމީދުކުރައްވާ ކަމެއްކަމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވެވި ހިތާބުގައެވެ.
ރައީސްގެ ހިތާބުގައި ވިދާޅުވީ ޖިއޮގްރަފީ ގޮތުން ބަލާއިރު، ދިވެހިރާއްޖެ އުފެދިފައިވަނީ ވަކިވަކި ރަށްތަކެއްގެ މައްޗަށްކަމަށް ވުމާއެކު، އެންމެ އިހު ޒަމާނުއްސުރެވެސް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދައުލަތުގެ ފަރާތުން ފޯރުކޮށްދެއްވާފައިވަނީ ލާމަރުކަޒު ކުރެވިގެން ކަމުގައި، ވޭތުވެ ދިޔަ ޒަމާންތަކުގެ ކަންހިނގާފައިވާ ގޮތަށާއި، އިހުގެ ރަސްމީ ލިޔުންތަކަށް ބަލާއިރު ފެންނާން އެބައޮތްކަމަށެވެ. އަދި މިހާރު އަމަލުކުރެވެމުންދާ ޤާނޫނުއަސާސީއާއެކު ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ފުރުސަތު އިތުރަށް ވަނީ ފަހިވެފައިކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ މި ވޭތުވި 2 އަހަރުދުވަހު ލާމަރުމަޒީ ޚިދުމަތްތައް ފުޅާކުރުމަށް އިތުރުބާރާއި ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކުރެވިފައިކަމަށެވެ. އަދި ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތައް އިތުރަށް ފަހިކޮށްދިނުމާއި، އތމ ކޮމެޓީތަކަށް ޙައްޤު މަޤާމާއި ޙައިޘިއްޔަތު ހޯދައިދިނުމާއި، ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުން ފަދަ، ލާމަރުކަޒީ ޤާނޫނު ވުޖޫދުވީއްސުރެ ކައުންސިލުންތަކުން އިންތިޒާރުކުރަމުން އައި އެތައް ކަމެއް މިއަދު އެވަނީ ހަގީގަތަކަށް ވެފައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކައުންސިލްތަކަށް ވަސީލަތްތައް ފަހި ޒަމާނީ އައު އިމާރާތްތައް ބިނާކޮށްދިނުމުގައި ސަރުކާރުން އިސްނަގާފައިވާކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަށްތަކުގެ ސިއްހީ، ތަޢުލީމީ އަދި މިނޫން އިޖްތިމާޢީ ޚިދުމަތްތައްވެސް ފުޅާކޮށް، ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް، އޭޓީއެމް، ކޮންމެ އަތޮޅަކުން އައިޑީކާޑާއި ޕާސްޕޯޓު ހެދުން އެތައް ޒަމާނަކަށް ފަހު ހަގީގަތަކަށްވެއްޖެކަމަށެވެ. އަދި ރަށްތަކުގައި ކުޅިވަރުކުޅޭނެ ވަސީލަތްތަކާއި ޕާކުތައް ޤާއިމުކުރުމުގައި އެންމެ ބޮޑު ކާމިޔާބު ހޯދާނެކަމަށާއި ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް ފުރިހަމަކުރައްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން މަގުހެދުން، ބަނދަރު ހެދުން ފަދަ ޢުމްރާނީ އެންމެ ގިނަ މަޝްރޫޢު އެއްފަހަރާ މުޅި ރާއްޖޭގައި ހިނގަމުން ދާނީ މި ވޭތުވި 2 އަހަރުގެ ތެރޭގައިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.


