އަންނަ މާރިޗު މަހުގެ 9 ވާ ހޯމަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ފަހުދިހައިގައި ސަރުކާރުގެ އޮފީސްތައް ބަންދުވާނެކަން ރައީސް އޮފީހުން މިއަދު އިއުލާނު ކޮށްފިއެވެ.
މިފަދައިން ނިންމާފައިވަނީ، 1445ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރައީސް އޮފީހުން 4 ފެބުރުވަރީ 2024 ގައި ނެރުއްވި ދެންނެވުމުން ހަމަޖައްސާފައިވާތީއެވެ.
މިގޮތަށް ހަމަޖެއްސީ، އިސްލާމީ އުސޫލުތައް ގާއިމުކުރެއްވުމަށާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި އަދި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމުގައި ރައީސް އޮފީހުން ބުނެފައިވެއެވެ.
ރަމަޟާން މަހުގެ ފަހުދިހައަކާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅައި ގޮތެއްގެ މަތިން ދިނުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސުމަށްވެސް ރައީސް އޮފީހުން ވަނީ އަންގާފައެވެ.




