އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލި ރޭ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދުގެ ގެއަށް ފައިސާ ކޮތަޅެއް ގެންދިޔަ ކަމަށް ދައުލަތުން ތުހުމަތު ކޮށްފައިވީ ނަމަވެސް، އެ ރޭ ކޮތަޅެއްގައި އެ ގެއަށް ގެންދިޔައީ ސޭންޑްވިޗެއް ކަމަށް ޝަމްއާންގެ ދިފާއީ ހެއްކެއް ބުނެފިއެވެ.
ޝަމްއާންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތިން ދައުވާއެކެވެ.
އެއީ:
° ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ
° ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ
° މަނީ ލޯންޑްރިންގެ ދައުވާ
އެ ދައުވާތަކުން ސަލާމަތްވުމަށް ޝަމްއާންގެ ފަރާތުން ދިފާއީ 10 ހެއްކެއް ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އޭނާގެ އާއިލާ މެންބަރުންނާއި އަނބިމީހާގެ އިތުރުން އެކުވެރިންނެވެ.
މި މައްސަލައިގެ އަޑުއެހުމެއް އިއްޔެ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު އެ އަޑުއެހުމުގައި 9 މީހަކު ހެކިބަސް ދިނެވެ.
މީގެ ތެރެއިން ބައެއް ހެކި ހުށަހަޅާފައިވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލި ރޭ އެ ތަނުގެ ދެ އޮފިސަރަކު އެ ބިދޭސީ މީހާގެ އަތުން ފައިސާ ނަގައިގެން، އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ދައުލަތުން ބުނާ ބުނުން ދޮގުކުރުމަށެވެ. ޝަމްއާންގެ ގެއަށް ފައިސާ ހުރި ކޮތަޅު ގެންދިޔަ ކަަމަށް ތުހުމަތު ވަނީ ކުށަށް އިއުތިރާފުވެފައިވާ އިމިގްރޭޝަންގެ ދެ އޮފިސަރުން ކަމަށްވާ މ. ހަޒާރީވިލާގެ، އަހުމަދު ލައްސާން އަދި ގ. ހެޕީ ސައިޑް އިބްރާހީމް އަހުމަދެވެ.
އިއްޔެ ކޯޓުގައި ހެކިބަސް ދެމުން ޝަމްއާންގެ ގާތް އެކުވެރިއެއް ކަމަށްވާ ޝަމްލޮ މުހައްމަދު ވަހީދު ބުނީ އެ ރޭ އޭނާ ހޭދަކުރީ ޝަމްއާންގެ އެޕާޓްމެންޓްގައި ކަމަށާއި ލައްސާނާއި އިބްރާހިމް އެ ގެއަށް ދިޔަ އިރު ވެސް އޭނާ އެ ގޭގައި ހުރި ކަމަށެވެ. އޭނާ އެ ގޭގައި ތިބީ އޭނާގެ އިތުރު އެކުވެރިއަކާ އެކު، ޝަމްއާންގެ އަންހެނުން އިދުފާ ފާއިޒާއި އޭނާގެ ދައްތަ އަދި ދައްތަގެ ފިރިމީހާއާ އެކު ތާސްކުޅެން ކަމަށް ވެސް ބުންޏެވެ.
ޝަމްލޮ ބުނި ގޮތުގައި އެ ރޭ ދަންވަރުގެ ވަގުތެއްގައި ލައްސާނާއި އިބްރާހިމް އެ ގެއަށް އައިސް ބެލް ޖެހުމުން ދޮރު ހުޅުވީ އޭނާ އެވެ. އޭރު ލައްސާންގެ އަތުގައި ކޮތަޅެއް އޮތް ކަމަށާއި އެ ކޮތަޅު އޭނާ ޖަހައިގަތީ ކަމަށެވެ.
އެ ކޮތަޅުގެ ތެރޭގައި އޮތީ ސޭންޑްވިޗެއްގެ ދެ ފަޅި ކަމަށާއި އެއްިން އެއް ފަޅި ނެގުމަށްފަހު ކޮތަޅު ލައްސާންގެ އަތަށް ދިނީ ކަމަށް ޝަމްލޮ ބުންޏެވެ. އެހެން ހެދުމުން ލައްސާން ހިތްހަމަނުޖެހުނު ކަމަށާއި އެއީ ބަނޑުހައިވެގެން ގަތް އެއްޗެއް ކަމަށް ބުނި ކަމަށް ވެސް ޝަމްލޮ ބުންޏެވެ. އެ ހިތްހަމަނުޖެހުމުގެ ތެރެއިން ކޮތަޅާ އެކު ލައްސާން ވަދެގެން ދިޔައީ، އެ އެޕާޓްމެންޓަށް ގޮސް އުޅޭ މީހުން ބޭނުންކޮށް އުޅޭ، އެ ގޭގެ މެއިޑް ރޫމްގެ ތެރެއަށް ކަމަށް އޭނާ ބުންޏެވެ.
ޝަމްލޮ ބުނި ގޮތުގައި ލައްސާންއާ އެކުވެރިކަން އުފެދިފައިވަނީ ޝަމްއާންއާއެކު އުޅުމުގެ ތެރެއިންނެވެ.
އެ ރޭ ލައްސާނާއި އިބްރާހިމް، ޝަމްއާން ކޮބައިތޯ އެހި ކަމަށާއި ނަމަވެސް، އެ މީހުންނާ ޝަމްއާން ދިމާނުވާ ކަމަށް ވެސް ހެކިބަސް ދެމުން ބުންޏެވެ. އޭނާ ބުނި ގޮތުގައި، އެ ރޭ ޝަމްއާން އޮތީ ބޮލުގައި ރިއްސާތީ އޭނާގެ ކޮޓަރީގެ ނިދައިފައެވެ.



