ވެމްކޯގެ ސައިޓެއްގައި ދިމާވި ހާދިސާއަކާ ގުޅިގެން އަނިޔާވި އެ ކުންފުނީގެ މުވައްޒަފުގެ ބޭސްފަރުވާގެ ހުރިހާކަމެއް ހަމަޖައްސަނީ ވެމްކޯއިން ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
މި ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު މާލޭގައި ހުންނަ ވެމްކޯގެ ސައިޓެއްގައި ދިމާވި ހާދިސާއަކާ ގުޅިގެން މީހަކަށް އަނިޔާވި މައްސަލައެއް މި މަހުގެ 24 ވަނަ ދުވަހު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.
މި ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން އެދުވަހު ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް އެކި ފަރާތްތަކުން ދަނީ ތަފާތު އެކި ވާހަކަތަށް ދައްކަމުންނެވެ. އަދި މިކަމާ ގުޅިގެން ވެމްކޯގެ މުވައްޒަފުންގެ މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އަވަސް ތަހުގީގެއް ހިންގުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ވެސް ވަނީ ނިންމާފައެވެ.
ވެމްކޯއިން މިއަދު ބުނީ، މި މަހުގެ 22 ވަނަ ދުވަހުގެ ރޭ މާލޭ ވެސްޓް ޓްރާންސްފަރ ސްޓޭޝަންގައި ހިނގައިދިޔަ ހާދިސާގައި އަނިޔާވި މުވައްޒަފު ރޭގައި 9:30 ހާއިރު ވަނީ ވެންޓިލޭޓަރުން ނަގާފައި ކަމަށާއި މިވަގުތު ފަރުވާދެމުން ދަނީ ސާޖިކަލް އެޗްޑީޔޫ ގައި ކަމަށެވެ.
މުވައްޒަފުގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށާއި އެ މުވައްޒަފަށް ބޭނުންވާ ހުރިހާ ކަމެއް އާއިލާއާ ގުޅިގެން ކުންފުނިން ކުރަމުންދާ ކަމަށެވެ.
މީގެއިތުރުން އެޗްއާރް އަދި ވެލްފެއަރ ޑިޕާޓްމަންޓުގެ މުވައްޒަފެއް އަބަދުވެސް އާއިލާއާއެކު ހޮސްޕިޓަލުގައި 24/7 ހަރަކާތްތެރިވަމުންދާ ކަމުގައި ވެސް ވެމްކޯއިން ބުނެފައިވެއެވެ.




