ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އޭޕްރީލް މަހުގެ ނިޔަލަށް މިއަދު އިތުރުކޮށްފިއެވެ.
ހައުސިން މިނިސްޓްރީއިން ވަނީ ”ބޯހިޔާވެހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ’އާއިލީ ބޯހިޔާވަހިކަން‘ ޕްރޮގްރާމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް، ދިރިއުޅުމަށް ބިމާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު އިތުރުކޮށްފައިވާ ކަމަށް ބުނެފައެވެ.
މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ، ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުން އަންނަ އޭޕްރީލް މަހުގެ 30ވާ ބުރާސްފަތި ދުވަހުގެ 23:59ގެ ނިޔަލަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.
ކުރިން ނިންމާފައި ވާގޮތުން ނަމަ ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ އަންނަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހަށެވެ. އަދި ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މާޗް މަހުގެ ފަސް ވަނަ ދުވަހަށް ހަމަވާނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހަކީ، ވާދަވެރިކަން ބޮޑުވެފައިވާ، ކައުންސިލް އިންތިޚާބު ބާއްވާ ދުވަހެވެ. އަދި އެއީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ވޯޓު ނަގާ ދުވަސްވެސްމެއެވެ.
ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީއިން ހުޅުވާލީ ނިމިދިޔަ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހެވެ. އެ ޕްރޮގްރާމުގެ ދަށުން 7،900 ފްލެޓާއި 15،000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.




