ބ. ކެންދޫގައި ފެނަކައިން ގާއިމްކުރި އާ އިންޖީނުގެ އާއި ފެނަކަ އޮފީސް އިމާރާތް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
އެކަމަށްޓަކައި އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި އާ އިންޖީނުގެ އާއި އޮފީސް ހުޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙު އެވެ.
ކެންދޫގައި އަލަށް ގާއިމްކުރި މި އިންޖީނުގޭގެ މަސައްކަތް 2021 ވަނަ އަހަރު ހަވާލުކުރީ އަމިއްލަ ފަރާތަކާއެވެ. ނަމަވެސް ދިމާވި ބައެއް ގޮންޖެހުންތަކާއެކު މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އަލުން މަސައްކަތް ފަށައި، ނުނިމި ހުރި މަސައްކަތްކޮށް ނިންމާފައިވަނީ ފެނަކައިގެ ފަރާތުންނެވެ.
އަލަށް ހުޅުވި އޮފީސް އިމާރާތަކީ، ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ، ޖާގަ ތަނަވަސް އިމާރާތެކެވެ. މިއާއެކު ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގައި ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އަލަށް ހުޅުވާ، ހިދުމަތަށް މިއަދު މި ގެނެވުނު އިންޖީނުގެއަކީ، ޖާގަ ތަނަވަސްކޮށް، 4 ބެޑާއެކު ޖުމްލަ 1200 ކިލޯވޯޓުގެ ކެޕޭސިޓީގައި ޚިދުމަތް ދެވޭ ގޮތަށް ޤާއިމްކުރެވުނު އިންޖީނުގެއެކެވެ. އިންޖީނުގެ ހުޅުވިގެން ދާއިރު، 600ކވގެ މުޅިން އައު އިންޖީނެއް ވަނީ ބަހައްޓާފައެވެ. އަދި މިއާއެކު ކަރަންޓު ދެވޭ ކެޕޭސިޓިވަނީ އިތުރު ކުރެވިފައެވެ. މި އަދަދު އިތުރު ކުރުމުގެ މަސައްކަތް މިހާރުވެސް އެ ކުންފުނިން އަންނަނީ ކުރަންމުންނެވެ. މީގެ ކުރިން އެރަށުގައި ހިންގަމުން ދިޔަ އިންޖީނުގެއިން ކަރަންޓު ފޯރުކޮށްދެވޭ އެންމެ މަތީ ކެޕޭސިޓީއަކީ 380ކިލޯވޯޓެވެ.
ކެންދޫގައި އަލަށް މި ހުޅުވި އިންޖީނުގެއާއެކު، އެރަށުގައި ފެނަކައިން ފޯރުކޮށްދެމުންގެންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވެ، ރައްޔިތުންގެ ތަކުލީފުތަކަށް ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ކުރީގެ ބާ އިމާރާތް ތިރިވުމުގެ ސަބަބުން، ހޫނުމިން މަތިވެ،
އިންޖީނުތަކަށް ދިމާވަމުން އައި ތަފާތު މައްސަލަތަކަށް ނިމުން އައީ ކަމަށާއި އަދި މިއާއެކު، ކުރީގައި މީހުން ދިރިއުޅޭ ގެތަކާއި ކައިރީގައި ދުންއަރަމުން ދިޔަ ”ހަރުގެ“ ނިންވާލެވުނީ ކަމަށް ފެނަކައިން ބުންޏެވެ.



