މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ރަމަޟާން މަހަށް ޚާއްސަކޮށްގެން ކުރިޔަށް ގެންދިޔަ ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
”ފަސްމީރު މާ މީރު“ ގެ ނަމުގައި މި ޕްރޮމޯޝަން ކުރިޔަށް ގެންދިޔައީ ނިމިދިޔަ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުން ފެށިގެން އެޕްރީލް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. މާލެއާއި އަތޮޅުތެރޭގައި ހުންނަ މިފްކޯގެ ފިހާރަތަކުން 200 ރުފިޔާއަށް ވުރެ މަތިން ވިޔަފާރި ކޮށްގެން ކޫޕަނެއް ލިބޭ އުސޫލުން ކުރިޔަށްގެންދިޔަ މި ޕްރޮމޯޝަނުގައި އާންމުގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް މިފްކޯއިން ބުނެއެވެ. އެގޮތުން، މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ދިން މުއްދަތުގައި ވިޔަފާރިކޮށްގެން 50،000އަށްވުރެ ގިނަ ފަރާތްތަކުން ޕްރޮމޯޝަންގައި ބައިވެރިވެފައިވާކަމަށް މިފްކޯއިން ބުނެއެވެ.
މި ޕްރޮމޯޝަންގެ ގުރުއަތުލުން މިއަދު ބާއްވައި ޕްރޮމޯޝަންގެ ނަސީބުވެރިން ވަނީ ހޮވާފައެވެ. އެއްވަނަ ނަސީބުވެރިއަކަށް ޔޫސުފް ހޮވިފައިވާއިރު، ދެވަނައަށް ހޮވިފައިވަނީ ބިދޭސީއެއް ކަމަށްވާ ސްރީ ޕްރިތަމް ކުމާރް ޑެބް އެވެ. އަދި ތިންވަނަ ނަސީބުވެރިއަކަށް ހޮވިފައިވަނީ އައިޝާތު އަފާން އެވެ.
ގުުރުއަތުން މިއަދު ހޮވި ނަސީބުވެރިންނަށް ފައިސާގެ ބޮޑެތި އިނާމުތަކެއް ލިބިގެންދާނެއެވެ. ނަސީބުވެރިންގެ ތެރެއިން، އެއްވަނަ އަށް 100،000 ރުފިޔާ، ދެވަނަޔަށް 50،000 ރުފިޔާ އަދި ތިން ވަނައަށް 25،000 ރުފިޔާ ހަދިޔާއެއްގެ ގޮތުގައި ދިނުމަށް ނިންމާ މިފްކޯއިން ވަނީ އެކަން އިއުލާނުކޮށްފަ އެވެ.
ޕްރޮމޯޝަންގެ ނަސީބުވެރިންނާއި ގުޅައިގެން އެފަރާތްތަކަށް، އިނާމު ހަވާލުކުރާނެކަމަށް މިފްކޯއިން ބުނެއެވެ.




