މޮރިޝަސްގެ ސިޔާދަތީ ބާރު ޗާގޯސް ރަށްތަކުގެ މައްޗަށް ނެތް ކަމަށާއި އެ ޖަޒީރާ ލިބެން ޖެހޭނި ރާއްޖެއަށް ކަމަށް ދިވެހި ސަރުކާރުން ބުނާތީ މޮރިޝަސްއިން ރާއްޖެއާ އެކު ބާއްވާ ހާރިޖީ ގުޅުންތައް ވަގުތުން ކަނޑާލަން އެ ގައުމުން އިއްޔެ ނިންމައިފިއެވެ.
އެ ޤައުމުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން އެގޮތަށް ނިންމީ ޗާގޯސް ޖަޒީރާގެ ރަށްތައް އިނގިރޭސިވިލާތުން މޮރިޝަސްއަށް ހަވާލުކުރަން ނިންމާފައިވާ ނިންމުމާ ވެސް ރާއްޖެއިން ދެކޮޅު ހަދާކަން ހާމަކޮށް، އެކަމާ ދެކޮޅަށް މަސައްކަތް ކުރާތީ އެވެ.
މީގެއިތުރުން އެ ރަށްތަކުގެ މިލްކުވެރިކަމާ މެދު ރާއްޖެއިން ދައުވާކުރަމުން ދާތީ ވަގުތުން ވަގުތަށް ރާއްޖެއާ އެކު އޮތް ހާރިޖީ ގުޅުންތައް ކަނޑާލަން ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއިން ނިންމާފައިވާ ކަމަށް އެ ޤައުމުގެ ބޮޑު ވަޒީރުގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.
ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރީ މީގެ 44 އަހަރުކުރިން 15 ޖެނުއަރީ 1981 ގައެވެ. ރާއްޖޭގެ ފަރާތުން ސަފީރެއްގެ ގޮތުގައި އެ ގައުމަށް ކަނޑައަޅާފައި ހުންނަނީ ޝްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދު އެވެ.
ރައްޔިތުން މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ދެއްވި ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ގޮތުގައި ޗާގޯސް ނުވަތަ ފޯޅަވަހީގެ މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށް ރާއްޖެއިން ވަނީ ނިންމާފައެވެ.
ރާއްޖޭގެ ދެކުނު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި ބައިނަލްއަގުވާމީ ކަނޑުތަކާ ގުޅޭ ޓްރައިބިއުނަލް އިޓްލޮސްގެ ނިންމުން ބަލައި ނުގަންނަކަން ވެސް ރައީސް އެ ދުވަހު އިއުލާން ކުރައްވައި ކޯސްޓްގާޑުގެ އުޅަނދުތައް އެ ސަަރަހައްދަށް ވަނީ ފޮނުވާފައެވެ.
މީގެ އިތުރަށް ޗާގޯސްގެ ރަށްތަކުގެ ހަގީގީ މިލްކުވެރިންނަކީ ދިވެހިންކަން ތާރީހީ ހެކިތަކުން އެނގެން އޮތް ކަމަށް ވިދާޅުވެ އިނގިރޭސި ބޮޑުވަޒީރަށް ރައީސް މުއިއްޒު ވަނީ ސިޓީއެއް ވެސް ފޮނުއްވާފަ އެވެ. އަދި ރާއްޖެއަށް ޗާގޯސްގެ ރަށްތައް ލިބިއްޖެ ނަމަ، ފޯޅަވަހީގައި އެމެރިކާގެ އަސްކަރީ މަރުކަޒު މިހާރެކޭ ވެސް އެއްގޮތަށް ހިންގުމަށް ފުރުސަތު ދެއްވާނޭ ކަމަށް ރައީސް މުއިއްޒު ވަނީ އެމެރިކާ ސަރުކާރަށް ވެސް ދަންނަވާފަ އެވެ.



