ލާމަރުކަޒީ ނިޒާމަކީ ”ތިމަންނަމެން ބަނޑުއަޅައި ވިހެއި ދަރިއެކޭ“ އިދިކޮޅު އެމްޑީޕީން ކިޔަމުންދާއިރު، އެމްޑީޕީއަށް ކުރެވުނު ކަމަކީ އެ ނިޒާމު މަގުމަތިކޮށްލުން ކަމުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ރޭގައި ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝިޔާމް މިހެން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަހަށް ޕީއެންސީން ހދ. ކުޅުދުއްފުށީގެ މާލޭ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން ދައްކަވާ ވާހަކަތަކަށް މިނިސްޓަރ ޝިޔާމް ވަނީ ރައްދު ދެއްވާފައެވެ.
”ލާމަރުކަޒީ ނިޒާމަކީ ތިމަންނަމެން ބަނޑުއަޅައި ވިހެއި ދަރިއެކޭ (އިދިކޮޅުން) އެބަ ކިޔާ. އަޅުގަނޑު ހިތަށް އަރަނީ ކޮންތަކުންބާއޭ މި ބޭފުޅުން މިހެން ވިދާޅުވީ. ލާމަރުކަޒީ ނިޒާމުގެ ވާހަކަ ދައްކަވަން ފެއްޓެވީ ވެސް މި ބޭފުޅުންނެއް ނޫން. އެ ބޭފުޅުން އެހެން ވިދާޅުވާ ކަމަށް ވަންޏާ އަޅުގަނޑު ދޭން އޮތް ކްރެޑިޓަކީ މީގައި ވިހައިފި ކަމަށް ވަންޔާމުން، ވިހާފައި މަގުމަތިކޮށްލި ނިޒާމެކޭ މިއީ އެ ބޭފުޅުން“ ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރ ޝިޔާމް ވިދާޅުވީ މި ސަރުކާރު އައިރު، ލާމަރުކަޒީ ނިޒާމަށް އެއްވެސް ވަރަކަށް އަޅާލުމެއް ނުވަތަ އެއްވެސް ކަހަލަ ކުރިއެރުމެއް ގެނައުމަށް މަސައްކަތްތަކެއް ކޮށްފައިވާކަން ފެންނަން ނެތް ކަމަށެވެ.




