އައްޑޫ އަތޮޅުގައި ހަރަކާތާތްތެރިވާ ސްކޫޕް ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅައި ދިނުން އެދި ދައުލަތުން ހައިކޯޓަށް ހުށަހެޅި މައްސަލަ، އަންނަ ހޯމަ ދުވަހު އަލުން ކުރިއަށް ގެންދަން ތާވަލުކޮށްފިއެވެ.
ގޭންގްތައް ހުއްޓުވަން މިދިޔަ އަހަރު ތަންފީޒުކުރަން ފެށި އާ ގާނޫނުގެ ދަށުން ގޭންގެއްގެ ގޮތުގައި ކަނޑައަޅަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ހުށަހެޅި ފުރަތަމަ ގްރޫޕެއްގެ ގޮތުގައި އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ”ސްކޫޕު“ ގްރޫޕުގެ މައްސަލަ ހައިކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ މެދުތެރޭގައެވެ. އެ މައްސަލަ ހައިކޯޓަށް ބަލައިގަނެ، ބެންޗު ކަނޑައަޅައި މައްސަލަ ފަށަން މިދިޔަ ހަފްތާގައި ތާވަލުވެސް ކުރިއެވެ. ނަމަވެސް، އެ އަޑު އެހުން ކެންސަލްވީ އެވެ.
އެ އަޑު އެހުން ކެންސަލް ކުރި ވަކި ސަބަބެއް ހައިކޯޓުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އަންނަ ހޯމަ ދުވަހު މައްސަލަ ފަށަންވަނީ އަލުން މިހާރު ތާވަލުކޮށްފައެވެ.
ޕީޖީ އޮފީހުން ބުނީ، ސްކޫޕު ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ކޯޓަށް ހުށަހަޅަން ނިންމީ ފުލުހުން ހުށަހެޅި ހެކިތައް ދިރާސާކުރުމަށް ފަހުގައި ކަމަށެވެ. އެ ގްރޫޕުގައި ގޭންގެއްގެ ޝަރުތުތައް ފުރިހަމަވާ ކަމަށާއި މިހާރު ވެސް ކުށްކުރުމުގައި ހަރަކާތްތެރިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ތުހުމަތުކޮށްފައެވެ.




