ބޭރު ގައުމުތަކުން އިގުތިސާދަށް ކުރިމަތިވާ ލޮޅުންތަކުން އަރައިގަނެ، ރާއްޖެއަށް މުދާ އެތެރެކުރުމަށް ބޭނުންވާ ވަރަށް ދައުލަތުގެ ރަސްމީ ރިޒާވްގައި ފައިސާ އެބަހުރި ކަމަށް، ފިނޭންސް މިނިސްޓްރީން ރޭގައި ބުނެފިއެވެ.
އިޒްރޭލާއި އެމެރިކާއިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީ، އީރާނުން މެދުއިރުމަތީގެ އެކި ގައުމުތަކަށް ހަމަލާ ދެމުން އަންނައިރު، ދުނިޔޭގެ ސަޕްލައި ޗެއިންއަށް ބުރޫ އަރައި، ތަކެތީގެ އަގުތައް އުފުލުމުގެ ބިރު މިހާރު ވަނީ އިންތިހާއަށް އުފެދިފައެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ރޭގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތަށް އަންނާނެ ބަދަލުތައް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.
މި ހާލަތުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ހިރާސްތަކަށް ތައްޔާރުވުމަށާއި އަވަސް ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެ ކަމަށް، އެ ފިނޭންސުން ބުނެފައިވެއެވެ.
އެގޮތުން، މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ރިޒާވް މިވަގުތު ހިފެހެއްޓިފައިހުރީ މީގެ ކުރީން ރިޒާވް މަތިނުވާ މިންވަރެއްގައި ކަމަށް، މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ، އެކަމުގެ ސަބަބުން ބޭރު ދުނިޔޭން ކުރިމަތިވާ އިގްތިޞާދީ ލޮޅުންތަކުން އަރައިގަތުމަށާއި، ރާއްޖެއަށްމުދާ އެތެރެކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށާއި، އިގްތިޞާދީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމަށް ސަރުކާރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން، ރާއްޖެެއަށް ބޭނުންވާ ތެޔޮ މައިގަނޑު ގޮތެއްގައި އެތެރެކުރަނީ އޮމާނުން ކަމަށްވުމާއެކު، ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމަށް ކުރިމަތިވާނެ ދަތިތައް ދެނެގަނެ، ތެލުގެ ސަޕްލައި މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއާ ގުޅިގެން ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރަށާއި، ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ނިޒާމަށް ކޮށްފާނެ އަސަރުތައް ދިރާސާކުރަމުން އަންނަ ކަމަށާއި، އެ ދިރާސާތަކުގެ އަލީގައި، މާލީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ހާލަތާ އެކަށީގެންވާ ގޮތެއްގައި ގެނައުމަށް ރާވާފައިވާ ކަމަށެވެ.




