މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާއި ގުޅިގެން ރައްޔިތުންނަށް ކާބޯތަކެއްޗާއި، އަސާސީ ބާވަތްތައް މެދުކެނޑުމެއްނެތި ލިބޭނެކަން ކަށަވަރު ކުރުމަށް ސަރަކާރުން މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ރޭގައި ބުނެފިއެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ އަދި ހަލުވިކަމާއެކު ބަދަލުވަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ މިނިސްޓްރީއާއި ކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސ1ޓްރީނ ވިދާޅުވެފައެވެ. މީގެ ސަބަބުން، ރާއްޖެއަށް ކޮށްފާނެ އަސަރުތައް ވަރަށް ގާތުން މޮނިޓަރކޮށް ބަލަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ބައިނަލްއަޤުވާމީ މުދާ އުފުލުމުގެ ނިޒާމަށް އަތުވެދާނެ ލޮޅުންތައް ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކާ ގުޅިގެން ވަރަށް ގާތުން ދިރާސާކުރަމުންދާ ކަމަށް އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެއަށް އާންމުކޮށް މުދާ އެތެރެކުރާ މާކެޓުތަކާއި ރޫޓްތަކަށް ދިމާވެދާނެ، ދަތިތައް ދެނެގަނެ އެކަންކަމުން އަރައިގަތުމަށްޓަކައި، ބޭނުންވާނެ އެހެނިހެން އަލްޓަރނޭޓިވް މާކެޓުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މި ދަނޑިވަޅުގައި ސަރުކާރުގެ އެންމެ އިސް އަމާޒަކީ، ދިވެހި އެންމެހައި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި، އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުން ކަމަށް ވަނީ ބުނެފައެވެ. އަދި ރާއްޖެއަށް ބޭނުންވާ މުހިންމު ބާވަތްތަކުގެ ސްޓޮކް ހުސްނުވެ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، އިމްޕޯޓް ކުރުމުގައި ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ސަރުކާރުގެ މުވައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކާއި ގުޅިގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.




