ސަރުކާރުގެ ފަރާތުން ތަރައްގީއަށް ހިންގާ މަޝްރޫތައް ގިނަވާ ވަރަކަށް، ވަޒީފާގެ ބާޒާރުގައި އޮންނަ ވަޒީފާތައް ވެސް އިތުރުވާނެ ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް މިއަދު ވިދާޅުވެެއްޖެއެވެ.
ފަލާހް މިހެން ވިދާޅުވީ، ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ފަލާހް ވިދާޅުވީ، މި ސަރުކާރުން ދައުލަތުގެ ޚަރަދުތައް ކުޑަކުރަމުން، ދައުލަތުގެ ރިޒާވު ވެސް ރަނގަޅު ކުރަމުން އަންނަ ކަމަށެވެ.
”ތަރައްގީގެ މަސައްކަތްތައް މިހާރު އެވަނީ މީގެކުރިން ދުވަހަކުވެސް އެހެން ސަރުކާރަކުން ނުފަށާ މިންވަރަށް ފެށިފަ. ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަށް ކުރިއަށްވުރެ ރަނގަޅަށް މިހާރު އެބަލިބޭ. އެ ހުރިހާ ކަމެއް އެއް މިސްރާބަކަށް ދަތުރުކުރާއިރުގައި، މަޝްރޫއުތައް ގިނަވާ އިރުގައި ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ވަޒީފާ އިތުރަށް އޮންނާނެ“ ފަލާހު ވިދާޅުވިއެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ދައުލަތުގެ ރިޒާވު މަތިކޮށް، ވަޒީފާގެ ފުރުސަތުތައް ޕްރައިވެޓް ސެކްޓަރ ވެސް ހިމެނޭހެން ފުޅާކުރުން ކަމަށެވެ.




