ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުމަށް ގޮންޖަހައި، ގާނޫނީ ފިޔަވަޅު އެޅުމާ މެދު ވިސްނަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.
އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު މިދިޔަ މެއި މަހު ވެފައިވާ އެއްބަސްވުމުގެ ދަށުން، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލި ނަމަވެސް، ކުރިއަށް އޮތް 99 އަހަރަށް ޑިއޭގޯ ގާސިއާ ބޭސް އަހަރަކު ގާތްގަނޑަކަށް 100 މިލިއަން ޕައުންޑަށް ކުއްޔަށް ހިފުމަށް ވަނީ ނިންމާފައެވެ.
އެހެންނަމަވެސް މި އެއްބަސްވުން އަދި ތަސްދީގެއް ނުކުރެއެވެ.
ދިވެހި ސަރުކާރުން ވަނީ ނޮވެމްބަރު 2024 އަދި މިދިޔަ ޖެނުއަރީގައި ވެސް މިކަމާ ގުޅޭ ރަސްމީ ކަންބޮޑުވުންތައް އިނގިރޭސިވިލާތަށް ހުށަހަޅާފައެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބޭފުޅަކު އިނގިރޭސިވިލާތުގެ ޓެލެގްރާފް ނޫހަށް މިއަދު ވިދާޅުވީ، ސިޔާދަތީ ބާރު ބަދަލުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމަކީ ބައިނަލްއަގުވާމީ ގާނޫނީ އުސޫލުތަކުގެ މައްޗަށް އެކަށީގެންވާ މިންވަރަށް ބިނާވެފައިވާ ނިންމުމެއް ނޫން ކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރާ ކަމަށެވެ. އެހެންކަމުން، މިކަމުގައި ގާނޫނީ ގޮތުން ކުރެވެން ހުރި ކަންކަން ސަރުކާރުން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
”އަޅުގަނޑުމެން މިދަނީ މިކަމާ ގުޅޭ ގާނޫނީ ދިރާސާއެއް ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުން. އަދި ބައިނަލްއަގުވާމީ ގާނޫނީ މާހިރުންނާއި ރާއްޖޭގެ ކަމާ ގުޅޭ އިދާރާތަކާ އެކު މަޝްވަރާކުރެވެމުންދޭ،“ ތަރުޖަމާނު ވިދާޅުވެފައިވެއެވެ.



