މެދުއިރުމަތީ ސަރަހައްދުގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި، އެ އަސަރުތައް ކުޑަކުރަން އިތުރު އެއާލައިންތައް ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.
މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ހަނގުރާމައިގެ ހާލަތު ގޯސްވުމާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރައިފައެވެ. އަދި އެ ސަރަހައްދުން ރާއްޖެ އަންނަ ފުލައިޓުތައް ކެންސަލްވުމުގެ ސަބަބުން ވީއައިއޭގެ ބައިނަލްއަގުވާމީ ޓާމިނަލް ވެސް އިއްޔެ އޮތީ ތޮއްޖެހިފައެވެ.
’އޭވިއޭޓާސް މޯލްޑިވްސް’އިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ރާއްޖެ އަންނަން މިއަދު ހަމަޖެހިފައި އޮތް 12 ފުލައިޓެއް ވަނީ ކެންސަލްކޮށްފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއި، އެ ސަރަހައްދުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ކުރިމަތިވެފައިވާ ހާލަތު އެ މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
ދުނިޔޭގެ މަދަނީ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމަށް މީގެ ސަބަބުން ކުރިމަތިވެދާނެ އަސަރުތައް، ޚާއްސަކޮށް މެދުއިރުމަތިން ރާއްޖެއަށް ކުރާ ދަތުރުތަކަކީ ރާއްޖޭގެ އިގްތިސޯދާ ގުޅިފައިވާ މުހިންމު ދަތުރުތަކެއްކަން އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން އެ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ދަތުރުކުރާ މައިގަނޑު އެއާލައިންތަކާއި، ކަމާގުޅޭ ގައުމީ އަދި ބައިނަލްއަގްވާމީ އިދާރާތަކާ ގުޅިގެން މިނިސްޓްރީން ގެންދަނީ މަސައްކަތްކުރަމުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.



