ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ހިޔާނާތުގެ މައްސަލައެއްގައި ދައުވާކޮށްފައިވާ އެ ތަނުގެ ފިނޭންސް ޑިޕާޓްމަންޓްގެ ކުރީގެ ވެރިޔާ މުހައްމަދު އަގީލް ތައިލެންޑުގެ ބެންކޮކުން ހައްޔަރުކޮށް މިދިޔަ ހަފުތާގައި ރާއްޖެ ގެނެސްފިއެވެ.
އަގީލްގެ މައްޗަށް އުފުލާފައިވާ ދައުވާ ރާއްޖޭގައި އޭނާ ނެތުމުން މަޑުޖެހިފައިވަނިކޮށް، މިދިޔަ ޖެނުއަރީ މަހު ފަހުކޮޅު ތައިލެންޑުން އޭނާ ހައްޔަރުކުރީ ވިސާގެ މައްސަލައެއްގައެވެ.
އޭރު އަގީލް ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާތީ، ތައިލެންޑްގެ ފުލުހުން އޭނާ ދިވެހި ފުލުހުންނާ ހަވާލުކުރި އެވެ.
ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ މިދިޔަ މަހު 21 ވަނަ ދުވަހު އޭނާ ރާއްޖެ ގެނެސް، ފުލުހުންގެ ބެލުމުގެ ދަށުން މިދިޔަ މަހު 22 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރި އެވެ.
އެ ދުވަހު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުގައި ޕީޖީ އޮފީހުން ވަނީ އެދިފަ އެވެ. އެ އޮފީހުން އެދުނު ގޮތަށް އެ ދުވަހު ކްރިމިނަލް ކޯޓުން އަމުރުކުރުމުން މިދިޔަ މަހު 22 ވަނަ ދުވަހުން ފެށިގެން އަގީލް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ ތަނުގެ ފައިސާއިން އަމިން ކޮންސްޓްރަކްޝަންގެ ލަގްޒަރީ އެޕާޓްމަންޓެއް ގަތް މައްސަލާގައި އަގީލްގެ މައްޗަށް ކޮށްފައިވަނީ މަނީލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އެވެ.
ނަމަވެސް އަގީލް އުޅޭ ތަނެއް ނޭނގޭތީ، އޭނާގެ ބައި ކުރިއަށް ނުގޮސް އޮތީ މަޑުޖެހިފަ އެވެ.




