ސަރުކާރުން އިއުލާނުކުރި ބޯހިޔާވަހިކަމުގެ ސްކީމާއެކު ސްކޭމްގެ ގިނަ ލިންކުތަކެއް މިހާރު ދައުރުކުރަމުން ދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ސީނިއާ ސާޖެންޓް އަބްދުلله ޝަހުނީޒް ވަނީ، އާންމުކޮށް ހައުސިން ސްކީމްތަކަށް ހުޅުވާލާއިރު، ލިންކުތަކާއި ކޯލްތައް މެދުވެރިކޮށް އޯޓީޕީ ހޯދުމާއި ޒާތީ މައުލޫމާތު ހޯދުމަށް ފޮނުވާ ލިންކުތައް އާންމުވެގެން ދާކަމަށް ބުނެފައެވެ. އަދި މިހާރު ސަރުކާރުން އިއުލާނުކޮށްފައިވާ ހައުސިން ސްކީމާއި އެއްކޮށް ގިނަ ލިންކުތަކެއް ދައުރުވަމުން ދާކަން ފާހަގަވެފައިވާކަމަށް ޝަހުނީޒް ވަނީ ވިދާޅުވެފައެވެ.
އޭނާ ވަނީ ލިންކުތަކަށް ފިއްތުމުގެ ބަދަލުގައި ސަރުކާރުން އަންގާފައިވާ ގޮތަށް، އީފާސް މެދުވެރިކޮށް ޕޯޓަލްއަށް ޒިޔާރަތްކުރުމަށް އެދިފައެވެ.
”މީގަ ވިސްނަވަންވީ ކަމަކީ ލިންކުތަކަށް ނުފިއްތެވުން، ސަރުކާރުން އިއުލާނުކޮށްފައިވާ ގޮތަށް ގެޒެޓުން އެބަ ފެންނަން އެބަހުރި ވަންނަންޖެހޭ ޕޯޓަލް. އީފާސް މެދުވެރިކޮށް ވަންނަން މި ޖެހެނީ. ލިންކަށް ފިއްތަވައި ޒާތީ މައުލޫމާތު ދޭކަށެއް ނުޖެހޭނެ. ގެޒެޓުގަ ހުރި ގޮތަށް ޕޯޓަލް މެދުވެރިކޮށް އީފާސް މެދުވެރިކޮށް އެކަންކަން ކުރައްވަން ވާނީ،“ ޝަހުނީޒް ވިދާޅުވިއެވެ.
މިމަހުގެ ކުރީކޮޅު ފުލުހުން ވަނީ، ރަސްމީ މުއާމަލާތްތައް ހިންގުމުގައި އީމެއިލަކީ އެންމެ އަސާސީ އެއް ވަސީލަތް ކަމަށާއި ނަމަވެސް އެއީ ކުށްވެރިން ނަހަމަ ގޮތުގައި އެކައުންޓުތަކަށް އެކްސެސްވުމަށް ބޭނުންކުރާ އެންމެ ނުރައްކާތެރި އެއް ގޮތްކަން ވެސް ފާހަގަކޮށްފައެވެ.
ފުލުހުން ވަނީ ސްކޭމްގެ މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް ބެންކަށް ގުޅައި ފައިސާ ހިފެހެއްޓޭތޯ މަސައްކަތް ކުރުމަށް އެދިފައެވެ. އަދި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ނަންބަރު 125 އަށް ގުޅައި އެކްސްޓެންޝަން ނަންބަރު 2020އަށް ރިޕޯޓުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.




