ރަށްރަށަށް ގޮސް ރައްޔިތުންނާ ބައްދަލުކުރައްވަައި، ހާލަތު ދެނެގަންނަވަނީ އިންތިހާބެއް ކުރިމަތީގައި އޮތުމުން ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ، މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ސިނަމާލެ ފްލެޓު އަދި މާލެހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ޖޫރިމަނާ ކަނޑައިދެއްވުމާ ބެހޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އރ ފްލެޓުތައް ހުރީ ފުދޭވަރަކަށް ބޮޑަށް ރެނދުލައި ދިރިއުޅެން ވެސް ނުރައްކާވާ ވަރަށް ހަލާކުވެފައި ހުރެދާނެ ކަމަށާއި އެތަންތަން މަރާމާތުކޮށް ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމުގެ ފުރުސަތު ދިނުމަކީ ސަރުކާރުގެ ސިޔާސަތުގައި ވެސް ހިމެނޭ ކަމެއް ކަމަށެވެ.
”އެހެންކަމުން އެ ސިޔާސަތުގެ ދަށުން އަޅުގަނޑުމެން ޖޫރިމަނާ މާފު ކުރުމާއި ތަންތަން މަރާމާތު ކުރުމުގެ ފުރުސަތު ވަނީ ދީފަ. އެއީ ސަރުކާރުގެ ޒިންމާއެއް.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެ ހާލަތުގައި އޮތީ މާލެހިޔާ 1،2 ގެ ސިނަމާލެ 1،2،3 އަދި ވިލިމާލޭގައި ހުންނަ ސިނަމާލެ 4 ވަނަ ފްލެޓު ކަމަށާއި އެ ފްލެޓުތަކުގެ ރައްޔިތުންނަށް އެ ހާލު ދިމާވެފައި އޮތް އިރު އަޅާނުލާ ބޭއްވުމަކީ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ.
އެ ފްލެޓުތަކުގެ ޖޫރިމަނާ މާފުކޮށްދެއްވީ ކުރިއަށް އޮތް ކައުންސިލު އިންތިހާބާ ދިމާކޮށްތޯ ނޫސްވެރިޔާ ސުވާލު ކުރުމުން ރައީސް ޖަވާބުގައި އެ ނޫސްވެރިޔާއާ ސުވާލު ކުރެއްވީ، އިންތިހާބަކާ ދިމާނުވާ ދުވަސްކޮޅެއް އޮންނާނެތޯ އެވެ.
”އަޅުގަނޑު ރަށްރަށަށް ވެސް ދިޔައިމެއް ނޫންތޯ؟ އެއީ އިންތިހާބަކާ ދިމާކޮށްތޯ؟ ހަމަ ރައްޔިތުންނަށް ވެފައިވާ ވައުދެއް ފުއްދަން ދެއްތޯ ދަތުރުކުރީ؟“ ރައީސް ވިދާޅުވިއެވެ.
ރައީސް ދެންނެވީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ އިޚްލާސްތެރިކަމާއެކީ ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ކަމަށެވެ.




