ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލުމަށް މޮރިޝަސްއިން ނިންމި ނިންމުމަކީ ވަރަށް ތާކުންތާކުނުޖެހޭ ނިންމުމެއް ކަމަށާއި ގުޅުން ކަނޑާލިޔަސް ޗާގޯސްއަކީ މޮރިޝަސްއަށް ހައްގު ނޫން ތަނެއް ކަމުގެ ހަގީގަތް ބަދަލުނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ޗާގޯސް ޖަޒީރާގެ ރަށްތައް އިނގިރޭސިވިލާތުން މޮރިޝަސްއަށް ހަވާލުކުރަން ނިންމާފައިވާ ނިންމުމާ ރާއްޖެއިން ދެކޮޅު ހަދާކަން ހާމަކޮށް އެކަމާ ދެކޮޅަށް މަސައްކަތް ކުރާތީ އާއި އެ ރަށްތަކުގެ މިލްކުވެރިކަމާ މެދު ދިވެހި ސަރުކާރުން ދައުވާކުރަމުންދާތީ ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލަން މިދިޔަ ބުރާސްފަތި ދުވަހު މޮރިޝަސްއިން ވަނީ ނިންމާފައެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރިޝަސްގެ އެ ނިންމުމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލުކުރުމުން ރައީސް ވިދާޅުވީ، ރާއްޖެއާ ގުޅުން ކަނޑާލަން މޮރިޝަސްއިން ނިންމީ މަޝްވަރާކުރުމެއް ވެސް ނެތި ކަމަށެވެ.
ގުޅުން ކަނޑާލިޔަސް، ރާއްޖޭގެ ނިންމުން ބަދަލު ނުވާނެ ކަމަށާއި ރާއްޖެ ކުރިއަށްދާނީ ’މޯލްޑިވްސް ފަސްޓް‘ ސިޔާސަތުގެ ދަށުން ކަމަށް ރައީސް ވިދާޅުވި އެވެ.
”މޮރިޝަސްއިން ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލުމަކީ ވަރަށް ތާކުންތާކުނުޖެހޭ، ވަރަށް އިމެޗުއަރ، ވަރަށް ނައީވް ނިންމުމެއް. އެ ނިންމުން، އެހެން ނިންމުމަކުންނެއް ހަގީގަތް ބަދަލެއް ނުވޭ. ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލިޔަސް މޮރިޝަސްއަށް ހައްގު ނޫން ތަނެއް، މޮރިޝަސްއަކަށް ހައްގެއް ނުވާނެ. އެއްވެސް ގައުމަކާ ޗާގޯސް ހަވާލުކުރާ ކަމަށް ވަންޏާ އެތަން ހަވާލުކުރަންޖެހޭނީ އެތަނުގެ ހައްގުވެރި ފަރާތް، ރާއްޖެއާ. އެ ހަގީގަތް ބަދަލެއް ނުވާނެ ގައުމަކާ ގުޅުން ކަނޑާލިޔަކަސް“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ މީގެ 44 އަހަރު ކުރިން 15 ޖެނުއަރީ 1981ގަ އެވެ. ރާއްޖޭގެ ފަރާތުން ސަފީރެއްގެ ގޮތުގައި އެ ގައުމަށް ކަނޑައަޅާފައި ހުންނަނީ ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދެވެ.



