ރިސޯޓު ހެދުމަށް ޓުއަރިޒަމް މިނިސްޓްރީ އިން ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން، 20 އަހަރު ވީ އިރުވެސް ހަދާ ނުނިމި އޮތް 63 ރަށެއް އަލުން މާކެޓަށް ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ފައިސަލް ވިދާޅުވީ މި 63 ރަށުގެ ދަފްތަރެއް އެކުލަވާލައި، ރަށްތަށް ނަގާފައި ތިބި ފަރާތްތަކާއި އެކު މަޝްވަރާ ކޮށް، އެ ފަރާތްތަކަށާއި ސަރުކާރަށް ވެސް ފައިދާ ވާނެ ގޮތަކަށް އެ ރަށްތައް އަލުން މާކެޓައް ނެރެވޭނެ ގޮތެއް ހެދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.
މިކަމާއި ގުޅޭ ކަރުދާހެއް ސަރުކާރުގެ އިކޮނޮމިކް ކައުންސިލަށް ހުށަހަޅާފައިވާ ކަމަށްވެސް މިނިސްޓަރު ފައިސަލް ވިދާޅުވިއެވެ. އަދި އެ ކަރުދާހުގައި މިކަން ކުރާނެ މައިގަނޑު ދެ ގޮތެއް ބަޔާން ކުރެވިފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އޭގެތެރެއިން އެއް ގޮތަކީ އެއްވެސް މަސައްކަތެއް ނުފަށާ ހުރި ރަށްތައް ނަގާފައިވާ ފަރާތްތަކާ ވާހަކަ ދައްކައިގެން، ބޭރުގެ އިންވެސްޓަރަކު ނުވަތަ ދިވެހި ވިޔަފާރިވެރިއަކު އެރަށް ގަންނަން ޝައުގުވެރިވާ ނަމަ، ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން އެރަށް ވިއްކާލުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި އެރަށްތަކުން މީރާ އަށް ނުވަތަ ދައުލަތުގެ އިދާރާ އަކަށް ދައްކަން ޖެހޭ ފައިސާ އެއް ނުވަތަ ޖޫރިމަނާ އެއް ވާނަމަ، ދައުލަތުން އެކަމަށް ލުއި ގޮތްތަކެއް ހަދައިދީ، ހައްލު ހޯދައިދޭނެ ކަމަށްވެސް މިނިސްޓަރ ފައިސަލް ވިދާޅުވިއެވެ.
މަސައްކަތުގެ 50 ޕަސެންޓު ނިމިފައި ހުރި ރަށްތައް، މިނިވަން އޯޑިޓު ފާރމެއް ބޭނުން ކޮށްގެން އަލުން އިވެލުއޭޓު ކޮށް، އެރަށުގެ އަސްލު އަގު ދެނެގަނެ، އެރަށް ގަންނަން ޝައުގުވެރިވާ ފަރާތަކަށް ވިއްކާލުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި މިސައްކަތްތައް ކުރާނީ އެންމެ އިންސާފުވެރިކޮށް، ދެ ފަރާތައްވެސް ގެއްލުމެއް ނުވާނޭ ގޮތަކަށް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
ރައީސް ޑރ. މުއިއްޒު ފަތުރުވެރިކަމުގެ ކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި، މި 5 އަހަރު ތެރޭގައި ނުހެދި ހުރި މި ރަށްތައް އަލުން މާކެޓައް ނެރުމަކީ ރައީސް ގެ ވަރަށް ބޮޑު އަމާޒެއް ކަމަށް މިނިސްޓަރު ފައިސަލް ވިދާޅުވިއެވެ.
ރިސޯޓު ހެދުން ހުއްޓިފައިވާ ރަށްތަކުގެ ތެރޭގައި އެންމެ ގިނައީ ކ. އަތޮޅުގައި އޮތް ރަށްތަކެވެ. އެ އަތޮޅުގައި، މަސައްކަތް ހުއްޓި، އޮޕަރޭޝަން ނުފެށި އޮތް 29 ރަށެއް އެބަ އޮތެވެ.
55 ރިސޯޓު އޮންނަ ކ. އަތޮޅަކީ ރާއްޖޭގައި އެންމެ ގިނަ ރިސޯޓު ހިންގާވެސް އަތޮޅެވެ.



