”ބޯހިޔާވަހިކަން އެންމެންނަށް“ ސްކީމުގެ ދަށުން ބޯހިޔާވަހިކަން ދިނުުމުގައި އިސްކަން ދޭ ކެޓަގަރީގައި ހިމެނޭ، އެކި އިދާރާތަކާއި މުވައްސަސާތަކުގެ ފްލެޓު ލިބުމަށްފަހު، އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން ވަޒީފާ އަދާކުރަން އެއްބަސްވާން ޖެހޭ ގޮތަށް، އެ ކެޓަގަރީގެ ޝަރުތުތައް އިސްލާހުކޮށް އާންމުކޮށްފިއެވެ.
މި ސްކީމުގެ ދަށުން 18 އަހަރުން މަތީ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް، ފްލެޓާއި ގޯއްޗަށް ކުރިމަތިލާން މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ވަނީ ހުޅުވާލައިފައެވެ.
”މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު“ ގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ހާއްސަ އިސްކަންދޭ ކެޓަގަރީތަކެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހައުސިން މިނިސްޓްރީން ކަނޑައަޅާ ދައުލަތުގެ އިދާރާތަކާއި މުވައްސަސާތައް ވެސް ހިމެނެއެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ، އެ އިދާރާތަކުގެ ތަފްސީލާއި ކޮންމެ ކެޓަގަރީއަކަށް ދޫކުރަން ކަނޑައަޅާފައިވާ ފުލެޓުގެ އަދަދު ވެސް އާންމުކޮށްފައެވެ.
އެގޮތުން މި ކެޓަގަރީތަކަށް އެދި ހުށަހަޅާއިރު، ފްލެޓު ދޫކުރުމުގެ އުސޫލުގައިވާ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާން ޖެހޭ ޝަރުތުތައް ވެސް އިސްލާހުކުރިއެވެ.
އިސްލާހުކޮށްފައިވާ ޝަރުތުގައިވާ ގޮތުން، މި ކެޓަގަރީއަށް ހުށަހެޅޭނީ މާލޭގައި އާއިލާ ބިނާކޮށްފައިވާ، އަދި އެ އިދާރާއެއް ނުވަތަ މުވައްސަސާއެއްގައި މަދުވެގެން މެދުނުކެނޑި އެއް އަހަރު ފުލް ޓައިމް ވަޒީފާ އަދާކޮށްފައިވާ ނަމަ އެވެ.
ބޯހިޔާވަހިކަން ހަވާލުކުރާ ތާރީހުން ފެށިގެން އެމީހަކު މަސައްކަތްކުރާ ތަނަކުން ކަނޑައަޅާ ގޮތެއްގެ މަތިން ވަޒީފާ އަދާކުރަން އެއްބަސްވާން ޖެހޭނެ ކަމަށް ވެސް ޝަރުތުގައިވެ އެވެ.
މި އިއުލާންގައިވާ ގޮތުން، ހާއްސަ އިސްކަމެއްދޭ ކެޓަގަރީގެ ފްލެޓުތަކުން، ދައުލަތުގެ އިދާރާތަކާއި މުވައްސަސާތަކަށް 1،000 ފްލެޓު ދޭނެއެވެ.
އެ 1،000 ފްލެޓުގެ ތެރެއިން 600 ފްލެޓު ޚާއްސަކޮށްފައިވަނީ:
° ޖުޑިޝަރީގެ މުވައްޒަފުން – 100 ފްލެޓު
° ފުލުހުން – 100 ފްލެޓު
° އެމްއެންޑީއެފް – 100 ފްލެޓު
° ސިވިލް ސާވިސްގެ މުވައްޒަފުން – 200 ފްލެޓު
° ކަރެކްޝަންސް ސާވިސް – 100 ފްލެޓު
ބާކީ 400 ފްލެޓު ޚާއްސަ ކޮށްފައިވަނީ:
1- ރައީސް އޮފީސް (މުލިއާގޭ އަދި ހިލާލީގޭގެ މުވައްޒަފުން ހިމެނޭ ގޮތަށް)
2- ރައްޔިތުންގެ މަޖިލީހުގެ އިދާރާ
3- އެޓާނީ ޖެނަރަލްގެ އޮފީސް
4- ފޮރިން ސާވިސް
5- ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)
6- އިލެކްޝަންސް ކޮމިޝަން (އީސީ)
7- ސިވިލް ސާވިސް ކޮމިޝަން
8- ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)
9- އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)
10- އޮޑިޓާ ޖެނަރަލްގެ އޮފީސް
11- ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީސް
12- މޯލްޑިވްސް މަނިޓަރީ އޮތޯރަޓީ (އެމްއެމްއޭ)
13- މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރަޓީ (މީރާ)
14- ޕެންޝަން އޮފީސް
15- ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން
16- މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން
17- ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
18- ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް
19- ޗިލްޑްރަންސް އޮމްބަޑްސް ޕާސަންގެ އޮފީސް
20- ވަޒީފާއާ ބެހޭ ޓްރައިބިއުނަލް
21- ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)
22- ޓެކްސް އެޕީލް ޓްރައިބިއުނަލް
23- ސިވިލް އޭވިއޭޝަން އޮތޯރިޓީ
24- ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ



