މާލެއާއި ސިނަމާލެ ބުރިޖުގައި މިދިޔަ ހަފުތާގައި 41 އެކްސިޑެންޓު ހިނގައި، 16 މީހަކަށް އަނިޔާވި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން މިއަދު އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި، މިދިޔަ ހަފުތާގައި އެކަނި ވެސް 41 އެކްސިޑެންޓު ވަނީ ހިނގާފައެވެ.
މި އެކްސިޑެންޓުތަކުގައި 16 މީހަކަށް އަނިޔާވެ، 51 ވެހިކަލަކަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.
ހިސާބުތަކުން އެނގޭ ގޮތުގައި، ކުދި 38 އެކްސިޑެންޓެއް މިދިޔަ ހަފުތާގައި ހިނގާފައިވާއިރު، ކުޑަކުއްޖަކު މަރުވި އެކްސިޑެންޓެއް ވެސް ހިނގާފައިވެއެވެ. އެއީ، މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައި ދަނިކޮށް، ކޮންޓްރޯލްނުވެ، ހިނގި އެކްސިޑެންޓްގައި އެ ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ކުޑަކުއްޖާ މަރުވި މައްސަލައެކެވެ.
ފުލުހުންގެ ހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ އެކްސިޑެންޓުތައް ހިނގާފައި ވަނީ، މިދިޔަ ހަފުތާގެ ހޯމަ ދުވަހެވެ. އެ ދުވަހު އެކަނި ވެސް ނުވަ އެކްސިޑެންޓު ހިނގާފައިވެއެވެ. އަދި އެންމެ ގިނަ އެކްސިޑެންޓުތައް ހިނގާފައި ވަނީ، ދެ ސައިކަލު ޖެހިގެންނެވެ. އެ ބާވަތުގެ 15 އެކްސިޑެންޓެއް ހިނގާފައިވާއިރު، ސައިކަލަކާއި ކާރެއް ޖެހިގެން އަށް އެކްސިޑެންޓު ހިނގާފައިވެއެވެ.




