ވ. ރަކީދޫ ކައުންސިލްގެ ދެ މެމްބަރަކު ފިޔަވައި ހުރިހާ މެމްބަރުންނާއި އެތަނުގެ އިދާރީ މުވައްޒަފުން އިސްތިއުފާ ދިނުމުން އެތަނުގެ މަސައްކަތް ހުއްޓިފައި ވާތީ، އެ ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އެތަން މިއަދު ބަންދުކޮށްފިއެވެ.
ވ. އަތޮޅު ކައުންސިލުގެ ރައީސް ޝުޖާއު އަލީ ”އެކްސް“ ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަކީދޫ ކައުންސިލުގެ އިދާރީ މުވައްޒަފުންނާއި ކައުންސިލަރުންގެ ތެރެއިން ތިން މެމްބަރަކު މަގާމުން ވަކިވެފައި ވާތީ، ކައުންސިލް އިދާރާއިން ރައްޔިތުންނަށް ދޭންޖެހޭ އެއްވެސް ހިދުމަތެއް ނުދެވޭ ކަމަށެވެ. އެހެންވެ ރަށުގެ ބަޔަކު ނިކުމެ ކައުންސިލު އިދާރާ ބަންދުކުރީ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝުޖާއިގެ އެ ޕޯސްޓާއެކު އާންމުކުރެއްވި ފޮޓޯތަކުގައި ފެންނަނީ ކައުންސިލް ދޮރު ފިލާޖަހައި ބަންދުކޮށް، ދޮރު މަތީގައި ޑެސްކްތަކެއް އަތުރާފައި ހުއްޓައެވެ.
މިކަމާ ގުޅިގެން ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާބާދީ މަދު ރަށްތަކުގައި އިދާރީ މުވައްޒަފުންގެ ދަތިކަން ކުރިމަތިވާ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.




