އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން އިސްރަށްވެހީންނަށް ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.
މާލޭގައި ހުރި އިސްރަށްވެހީންގެ ނާދީގައި އިއްޔެ ހަވީރު ކުރިއަށްދިޔަ މި ސެޝަންގައި އަލިފާނަކީ ކޮބައިކަމާއި އަލިފާން ރޯވާން ދިމާވާ ސަބަބުތަކާއި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އެފަދަ ހާދިސާއަކުން ސަލާމަތްވުމަށް އިސްރަށްވެހީންނަށް ކުރެވިދާނެ ކަންކަމާ ގުޅޭ މަޢުލޫމާތު ހިއްސާކުރިކަމަށް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.
އިސްރަށްވެހީންގެ ނާދީގައި އަހަރު ދުވަހަށް ބަހާލައިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން އެކި ޕްރޮގްރާމްތައް ހިންގުމަށް ވަނީ ރާވާފައިވާކަމަށާއި، އޭގެތެރޭގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން ހިންގޭ އެކި ޕްރޮގްރާމްތަކާއި، ޞިއްޙީ ދާއިރާއާ ގުޅުންހުރި އެކިކަހަލަ ހަރަކާތްތަކުގެ އިތުރުން، މެރިޓައިމް ދާއިރާއާ ގުޅުންހުރި އެކިކަހަލަ ހަރަކާތްތައް ހިމެނޭކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.
މިއީ އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތަކެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ތެރެއިން، ބިނާކުރި ފުރަތަމަ މަރުކަޒެވެ. މި ނާދީ ހުޅުވާދެއްވާފައި ވަނީ މި އަހަރުގެ ފެބުރުވަރީ 17 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.


