އީރާނުން ރާއްޖެއަށް އެހީވެފައެއް ނެތް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، ”ޓޫރިޒަމް އިންޑަސްޓްރީ މޯލްޑިވްސް“ ކިޔާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެެއްގައެވެ.
އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ކޮންސެޝަނަލް ލޯނުތައް ދީފައި ހުރީ ސައުދީ އަރަބިއާއާއި ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ރަށްތަކުން ކަމަށެވެ.
”ދެން އެމީހުންނަށް ގެއްލުންވީމަ ދިވެހި ސަރުކާރުން ކަންބޮޑުވާން ޖެހޭނެ. އީރާނުން ރާއްޖެއަށް އެހީއެއް ވެފައެއް ނެތް“ ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އީރާނަށް ތާއީދުކޮށް ސަރުކާރުން ވަކި އެއްޗެއް އަދި ބުނެފައި ނުވާތީ ބައެއް އިދިކޮޅު ފަރާތްތަކުން އެކަމާ ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.



