އައްޑޫ ސިޓީގައި މަސްތުވާތަކެތި ވިޔަފާރި ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ ބަޔެއްގެ މައްޗަށް ހިންގި ތުހުމަތުގެ މުއްދަތު ހަމަވިއިރު، އެ މީހުންނަށް ދައުވާ ކުރެވޭ މިންވަރަށް ހެކި ހޯދިފައި ނުވާތީ، ބަންދުގައި ތިިބި މީހުން ދޫކޮށްލަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ލަފާދީފިއެވެ.
އައްޑޫގައި މަސްތުވާތަކެތީގެ ވިޔަފާރީ ހިންގާ ބޮޑުންކަމަށް ތުހުމަތުކޮށް، ”އޮޕަރޭޝަން އަލިމަގު“ ގައި މިދިޔަ ޑިސެންބަރު މަހުގެ ހަތަރުވަނަ ދުވަހު ވަނީ ބަޔަކު ހައްޔަރުކޮށްފައެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނަކީ:
° ސ. ހިތަދޫ، ކޮންމުލި، ޢަލީ ނަދީމް (މައިލޯ ނަދަމާ)
° ސ. ހިތަދޫ، ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖް
° ސ. ހިތަދޫ، ދޮރުފޮތިމާގެ، ހަސަން އަލްފާފު
° ސ. ހިތަދޫ، ކެކުރިމާގެ، އަމީން މުހައްމަދު
° ސ. ހިތަދޫ، ލޮބްސްޓަމް، ސަލާމް ސަޢީދު
° ސ. ހިތަދޫ، ފަލާހް، ހާފިޘް ފައުޒީ
° ދ. ހުޅުދެލި، ޢަންބަރީގެ، ޒަހްނާ އަހްމަދު
ޕީޖީ އޮފީހުން ބުނީ އެ މީހުންގެ މައްޗަށް ކުރެވެނީ މައިގަނޑު ދެ ތުހުމަތެއް ކަމަށެވެ. އެއީ ކުށް ކުރާ ޖަމާޢަތެއްގައި ބައިވެރިވުމާއި މަނީ ލޯންޑްރިންގެ ތުހުމަތު ކަމަށެވެ.
އެ އޮފީހުން ބުނީ އެ މައްސަލައިގެ ތަހުގީގުކުރުމަށް ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތު އިއްޔެއަށް ހަމަވެފައިވާ ކަމަށެވެ. އެ މުއްދަތުގައި ލިބިފައިވާ ހެކި ގަރީނާ ވަޒަންކޮށް ބެލިއިރު، އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުން، ކުށްކުރާ ޖަމާޢަތެއްގައި ބައިވެރިވިކަން ނުވަތަ މަނީ ލޯންޑާކުރިކަން ގާނޫނުގައި ކަނޑައެޅިފައިވާ މިންގަނޑަށް ސާބިތުކޮށްދެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައި ނުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެެވެ.
މީގެއިތުރުން އެ މައްސަލައިގެ ތަހުގީގު މުއްދަތު ގާނޫނު ތަންދޭ އެންމެ ދިގު މުއްދަތާ ހަމައަށް އެކި ފަހަރުމަތިން އިތުރުކޮށްދިންކަން އެ އޮފީހުން ފާހަގަކުރިއެވެ. ނަމަވެސް، އެ މުއްދަތުގެ ތެރޭގައި ތަހުގީގު އެކަށީގެންވާ ވަރަށް ފުރިހަމަކުރެވި، ދަޢުވާކުރެވޭ މިންވަރަށް ހެކި ގަރީނާ ހޯދިފައި ނުވާ ކަމަށް އެ އޮފީހުން ބުންޏެވެ.




