ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިޖިޓަލް ވޮލެޓް، ސްވައިޕް ހަމަޖައްސައިފިއެވެ.
ބީއެމްއެލް ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ސްވައިޕްއާއި ވިޒިޓް މޯލްޑިވްސްއާ ދެމެދު މިކަމާ ގުޅޭ ސްޓްރެޓިޖިކް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމާއެކު އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ރާއްޖެ އަންނަ ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުވޭނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ.
ބީއެމްއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފެވެ. އަދި ވިޒިޓް މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީއެވެ.
ސްވައިޕްއަކީ ދިވެހީން އުފައްދައި ތަރައްގީކޮށްފައިވާ 100 ޕަސެންޓު ދިވެހި އުފެއްދުމެކެވެ. މި ޑިޖިޓަލް ވޮލެޓް ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިތުރުން، ފައިސާގެ މުއާމާލާތް ހިންގުމުގައި ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ ޝަރުތުތަކާއި މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށް ކަމަށް ބީއެމްއެލްއިން ބުންޏެވެ.




