މޯލްޑިވްސް މީޑިއާ ކައުންސިލް(ޢެމްއެމްސީ) ގެ އާންމު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިއްޔެ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މީިޑިއާ ކައުންސިލްގެ އާންމު މެންބަރުންގެ ތެރެއިން އިތުރު މެންބަރެއްގެ މަގާމު ހުސްވެފައިވާތީ، އެމަގާމަށް މެންބަރަކު އިންތިޚާބުކުރުމަށް ފުރުސަތު ހުޅުވާލާކަމަށެވެ.
މީޑިއާ ކައުންސިލުގެ އާންމު މެންބަރުކަމަށް އެދޭ ފަރާތްތަކުން މިމަހުގެ 23 ވަނަ ދުވަހުގެ 14:00ގެ ކުރިން، މީޑިއާ ކައުންސިލް އިންތިޚާބުގައި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު އަދި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ އީމެއިލް: info@youth.gov.mv އަށް ހުށަހެޅުމަށް އިއުލާނުގައި އެދިފައި ވެއެވެ.
އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތައްކަމަށާއި، އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން 2 (ދޭއް) ދައުރު އަދާ ނުކުރެވޭނެކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލްގައި ހިމެނެނީ 15 މެންބަރުންނެވެ. އެއީ މީޑިއާތަކުން އިންިޚާބު ކުރާ 8 މެންބަރުންނާއި، އާންމު 7 މެންބަރުންނެވެ. ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ ދެ އަހަރެވެ.



