ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ތަކެއް ފޮނުވައިގެން، ގިނަ އަދަދެއްގެ މުދާ ހޯދި ހުސައިން ޝިފާއު 109 އަހަރަށް ޖަލަށްލައި، ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ނަމަވެސް ޝިފާއުގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގެ އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމައެވެ.
ސައްހަ ނޫން ޓީޓީތަކެއް އެކި ފަރާތްތަކަށް ފޮނުވައިގެން 1.9 މިލިއަން ރުފިޔާގެ މުދާ ހޯދި މައްސަލާގައި ޝިފާއު 2023 ވަނަ އަހަރު ހައްޔަރުކޮށް، އޭނާގެ މައްޗަށް 23 ދައުވާއެއް ދައުލަތުން ކުރި އެވެ. އެއީ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ނުވަ ދައުވާއަކާއި މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާއަކާއި މަނީ ލޯންޑްރިންގެ ހަތް ދައުވާއެކެވެ. އެ ހުރިހާ ދައުވާތަކެއް އޭނާގެ މައްޗަށް ސާބިތުވި އެވެ.
އެ ދައުވާތަކުގެ އަދަބުތަކުގެ ޖުމްލަ އެއްކޮށްލުމުން 109 އަހަރުގެ ޖަލު ހުކުމަކާއި ހަތް މިލިއަން ރުފިޔާގެ ޖޫރިމަނާއަކަށް އަރައެވެ.
މިއީ މިހާތަނަށް ރާއްޖޭގައި އެކަކުގެ މައްޗަށް އިއްވި އެންމެ ދިގު ޖަލު ހުކުމެވެ. އެއީ މަނީ ލޯންޑްރިންގެ ދައުވާތަކުގައި 70 އަހަރުގެ ޖަލު ހުކުމަކާއި މަކަރާއި ހީލަތް ހެދުމުގެ ދައުވާތަކުގައި 30 އަހަރުގެ ޖަލު ހުކުމަކާއި ސައްހަ ނޫން ލިޔުން ދިނުމުގެ ދައުވާތަކުގައި ނުވަ އަހަރުގެ ޖަލު ހުކުމެކެވެ.
ޝިފާއުގެ މައްޗަށް 109 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، އޭނާއަށް ލުއި އަދަބެއް ދޭން ދައުލަތުން އޭނާއާއެކު އިއުތިރާފްގެ އެއްބަސްވުމެއް ކުރިން ހެދި އެވެ. ނަމަވެސް އެއީ އެ މައްސަލާގެ ކަން ހިނގާފައިވާ ގޮތަށް ރިއާޔަތްކޮށްގެން ހަދާފައިވާ އެއްބަސްވުމަކަށް ނުވާތީ އެ އެއްބަސްވުން ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ކުރިން ނިންމިއެވެ.



