ސަރުކާރުގެ ޚަރަދުގައި އެންމެ ގިނައިން ދަރިވަރުން ކިޔަވާ ގައުމުތަކުގެ ސްޓައިޕެންޑް އަވަހަށް މުރާޖާ ކުރެވޭތޯ ބަލާނެ ކަމަށާއި، ދަރިވަރުންނަށް ފައިސާ ދޫކުރުމުގެ މަސައްކަތް ކުރިއަށްވުރެ މިހާރު ރަނގަޅުވެފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
ދައުލަތުގެ އެހީގައި ބޭރުގައި ކިޔަވާ ދަރިވަރުންނަށް ސްޓައިޕެންޑު ނުލިބި ލަސްވާ މައްސަލަ ދޭތެރެއަކުން ފެންމަތިވެއެވެ. އެ މައްސަލައަށް ހައްލެއް ގެނައުމަށް މިދިޔަ ފެބްރުއަރީ މަހުގެ 3 ގައި، ”ކުރި“ ގެ ނަމުގައި ޕޯޓަލެއް ވެސް ހެދިއެވެ.
އެކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ހައިދަރު ވިދާޅުވީ، ބައެއް ފަހަރު ދަރިވަރުންނަށް ފައިސާ ފޮނުވާއިރު ލަސްތަކެއް ދިމާވާ ކަމަށެވެ. ގިނަ ފަހަރަށް އެހެން ވަނީ، ޔުނިވާސިޓީތަކުން އިންވޮއިސް ލިބޭއިރު، ފައިސާ ފޮނުވާ މުއްދަތު ހަމަވާން ހަފުތާއަކަށް ވެފައި އޮންނާތީ ކަމަށެވެ.
”އާންމު ގޮތެއްގައި އަޅުގަނޑު ދެކެނީ މިހާރު ކުރިއަށް ވުރެ ބޮޑުތަން މިހާރު ރަނގަޅުވެއްޖެހެން ޕޭމަންޓުތައް ދަރިވަރުންނަށް ދިނުމުގައި. ބައެއް ފަހަރަށް ދަރިވަރުންނަށް ޕޭމަންޓު ދޭންވާ މުއްދަތުގެ ދެ ހަފުތާ ކުރިން ވެސް އަޅުގަނޑުމެންނަށް ޕޭމަންޓުތައް ދެވިފައި އެބަހުރި“ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.
އޭގެއިތުރަށް، ދަރިވަރުންނަށް ފައިސާ ފޮނުވަން ޖެހޭ މުއްދަތުގެ ދެ ހަފުތާ ކުރިން، 75 އިންސައްތަ ދަރިވަރުންނަށް މި އަހަރު ފައިސާ ދެމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިދިޔަ ޖެނުއަރީ މަހު މިނިސްޓަރު ވަނީ، ސަރުކާރުން ދޫކުރާ ލޯނު ސްކީމުގެ ދަށުން ކިޔަވާ ދަރިވަރުންނަށް އެއް ގޮތަކަށް ސްޓައިޕެންޑުގެ ގޮތުގައި ފައިސާ ދޭތާ ހަތް ވަރަކަށް އަހަރުވެއްޖެ ކަމަށާއި އެ ސްޓައިޕެންޑުތައް މުރާޖާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.



