ސަރުކާރުގެ އަމާޒަކީ މިހާރު ކުރިއަށްގެންދަން ނިންމާފައިވާ އައިސްޕްލާންޓްތަކުގެ މަސައްކަތް ނިންމައި، އެތަންތަން އޮޕަރޭޝަނަށް ގެނައުންކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ، ސަޢުދީ ފަންޑުންނާއި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން އައިސްޕްލާންޓް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މަސްވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ކުރާ މަސައްކަތްތުގެ ތެރެއިން އައިސް ލިބުމުގެ ދަތިތައް ހައްލުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާ ކަމަށެވެ.
އެގޮތުން 6 ރަށެއްގައި ޤާއިމްކުރި އައިސްޕްލާންޓްތައް މިހާރު އޮޕަރޭޝަނަށް ގެނެސްފައިވާކަމަށް މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ. މިއާއެކު އުތުރާއި ހުވަދުއަތޮޅުގައި އަލަށް ޤާއިމްކުރި އައިސްޕްލާންޓްތަކާއި އެ ސަރަޙައްދުގައި މަސްވެރިކަން ކުރާ ފާރަތްތަކަށް ލުއިފަސޭހަތަކެއް ލިބޭނެކަމަށާއި މިހާރުވެސް 9 އައިސްޕްލާންޓެއް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަމަލީ މަސައްކަތް ކުރިއަށްދާ އައިސް ޕްލާންޓްތައް:
– ލ. މާބައިދޫ
– ލ. މާވަށް
– ލ. ހިތަދޫ
– މ.ވޭވަށް
– ޅ. ނައިފަރު
– ށ. ކޮމަންޑޫ
– މ. މުލައް
– ކުޅުދުއްފުށި ސިޓީ
– ދ. ހުޅުދެލި
”މި 9 ޕްލާންޓްގެ މަސައްކަތްތައް އެކި މަރުހަލާތަކުގައި. ބައެއް އައިސް ޕްލާންޓްތައް ކަރުދާހުގައި. ބައެއް ޕްލާންޓްތައް ޢަމަލީ ގޮތުން މަސައްކަތްތައް ފެށިފައި“ މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.
ސަޢުދީ ފަންޑުން ކުރިއަށްގެންދާ މަޝްރޫޢުތައް:
– ގދ. ރަތަފަންދޫ
– އއ. ރަސްދޫ
– ހއ. ދިއްދޫ
– ގއ. ދާންދޫ
– ކ. ގާފަރު
ސަރުކާރު ބަޖެޓުން ކުރިއަށްގެންދާ އިތުރު މަޝްރޫޢުތައް
– ގއ. ނިލަންދޫ
– ގއ. ވިލިނގިލި
– ގއ. މާމެންދޫ




