”އަލް އަބްރާރު ޕްރައިވެޓް ލިމިޓެޑް“ ގްރޫޕުން 110 މީހަކު އުމްރާއަށް ގެންދަން އިންތިޒާމުކުރި ދަތުރު އެންމެ ފަހު ވަގުތު ކެންސަލްކުރުމުން، އޭގެ ތެރެއިން 28 މީހަކަށް ސައުދީ އަރަބިއާއަށް ދެވުމުގެ އިންތިޒާމު ޙައްޖު ކޯޕަރޭޝަނުން ހަމަޖައްސައިދީފިއެވެ.
އެނގިފައިވާ ގޮތުގައި، އުމްރާއަށް ދިޔުމަށް ކޮންމެ މީހަކަށް 45،000 ރުފިޔާ، އަބްރާރް ގްރޫޕަށް ދައްކާފައި ރޭގައި ފުރަން ހަމަޖެހިވަނިކޮށް، އެ ގްރޫޕުން ކުއްލި ގޮތަކަށް ވަނީ އެ ދަތުރު ކެންސަލް ކޮށްފައެވެ.
އަބްރާރް ގްރޫޕުގެ އެ މައްސަލަ އިސްލާމިކް މިނިސްޓްރީއާއި ފުލުހުން ވެސް މިހާރު ދަނީ ބަލަމުންނެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގެއްލުން ލިބުނު ގިނަ އަދަދެއްގެ މީހުން އެހީއަށް އެދިފައިވާ ކަމަށެވެ.
އޭގެ ތެރެއިން ހައްޖު ކޯޕަރޭޝަނަށް މިހާރު އިންތިޒާމުތައް ހަމަޖެއްސެން އޮތީ 28 މީހުންނަށް ކަމުން އެ މީހުންނަށް އުމްރާ ކުރުމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، 28 މީހުންނަށް ވިސާ ޖަހައި މައްކާ އަދި މަދީނާއިން އެކޮމޮޑޭޝަން ހަމަޖައްސައިދީ، ކެއިންބުއިމާއި ދަތުރުފަތުރުގެ އެންމެހާ އިންތިޒާމުތައް ހަމަޖައްސައިފައިވާ ކަމަށް ވެސް ޝަކީލް ވިދާޅުވިއެވެ.
”މިއަދު ހެނދުނު މޯލްޑިވިއަންގެ ފްލައިޓަކުން މި 28 މީހުން ސައުދީ ޢަރަބިއްޔާއަށް ޢުމްރާގެ އަޅުކަމަށް ވަނީ ފުރާފައި،“ ޝަކީލް ވިދާޅުވިއެވެ.




