ކުއްޔަށް ދިނުން ބޮޑުވެފައިވާ ހިޔާ ފްލެޓުތަކާއި ހުޅުމާލޭގެ އެހެން ފްލެޓުތައް ކުއްޔަށް ދޭ މައްްސަލަ ހުއްޓުވުމަށް ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްޠަލިބު ވިދާޅުވީ އެންމެފަހުން ހުޅުމާލެއިން ހަވާލުކުރި 4،000 ފްލެޓްތައް ދީފައިވަނީ ރެންޓް އޯން މޮޑެލްގެ ދަށުން ކަމަށްވާތީ، އެތަންތަން ކުއްޔަށް ދޭ މީހުންނަށް ފިޔަވަޅު އަޅަން ފަސޭހަ ކަމަށެވެ.
އެ ފްލެޓުތަކުގެ އެއްބަސްވުމުގައި ވެސް ކުއްޔަށް ދިނުމަކީ މަނާ ކަމެއް ކަމަށް އޮވެ އެވެ.
އެހެންކަމުން މިނިސްޓަރު ވިދާޅުވީ ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ ދަށުން އަޅާފައިވާ އެ ފްލެޓުތައް ކުއްޔަށްދޭކަން ފާހަގަވާނަމަ، އެކަމަށް ފިޔަވަޅު އެޅުމަށް އަންގާފައިވާނެ ކަަމަށެވެ. އެފަދަ މައްސަލައެއް ފާހަގަވުމުން ނޫނީ ރިޕޯޓުކުރުމުން ޖޫރިމަނާ ކުރުމަށްފަހު، ވަކި މުއްދަތެއްގެ ތެރޭގައި އެކަން އިސްލާހު ކުރުމަށް ފުރުސަތު ދެ އެވެ. އެކަމަކު އިސްލާހު ނުކޮށްފިނަމަ، ފްލެޓު އަތުލުމުގެ ބާރު ވެސް ސަރުކާރަށް އޮވެއެވެ.
މިނިސްޓަރ މުއްތަލިބު ވިދާޅުވީ ހިޔާ ފްލެޓާއި ހުޅުމާލެއިން ދެން ދީފައިވާ އެހެން ފްލެޓުތަކަށް ފިޔަވަޅު އެޅުމުގައި އުނދަގޫތަކެއް އެބަހުރި ކަމަށެވެ. އަދި އެ ތަންތަން ދީފައި ހުރީ ސޭލްސް އެންޑް ޕާޗޭސް މޮޑެލްގެ ދަށުންނެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވި ގޮތުގައި ހިޔާ ފްލެޓުތަކުގެ އެގްރީމަންޓުގައި ވަނީ އެތަނުގައި ގާނޫނާ ހިލާފް ކަމެއް ނުކުރެވޭނެ ކަމަށެވެ. އެހެންވެ، ގާނޫނުގައި ކުއްޔަށް ދިނުމަކީ މަނާ ކަމެއްގެ ގޮތުގައި ކަނޑައަޅަން ގާނޫނު އިސްލާހުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.




