ކުރީ ސަރުކާރުގައި އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމު ފުރުއްވި އައިމިނަތު ޝައުނާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.
މިކަމާ ބެހޭގޮތުން ޝައުނާ ”އެކްސް“ ގައި ވިދާޅުވީ އޭނާ އޭސީސީއަށް ހާޒިރުކުރީ ނިމިގެން ދިޔަ ދައުރުގައި އިކޮނޮމިކް ކައުންސިލްއިން ދިން ލަފަޔަކާ ގުޅިގެން ކަމަށެވެ.
ނަމަވެސް އޭނާ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އިރު ޝާމިލުވި ކޮންމެ ކަމެއްވެސް ކުރެއްވީ ގާނޫނު އަސާސީއާއި ރާއްޖޭގެ ގަވައިދުތަކާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ މައްސަލައިގެ އިތުރު ތަފްސީލެއް ޝައުނާ ހާމައެއް ނުކުރައްވައެވެ.
މިނިސްޓަރުކަމުގެ މަގާމަށް، ނިމިގެން ދިޔަ ވެރިކަމުގައި ޝައުނާ އައްޔަނުކުރީ 2021ވަނަ އަހަރުއެވެ. އޭގެ ކުރިން އޭނާ ހުންނެވީ ރައީސް އޮފީހުގެ ޕޮލިސީ ސެކެޓްރީގެ މަގާމުގައެވެ.
ކުރީ ސަރުކާރުގެ އިސް ބޭފުޅުންގެ ކޮރަޕްޝަންގެ މައްސަލަތައް މި ސަރުކާރުން ދަނީ ބަލަމުން ނެވެ. އެގޮތުން ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް އެކަށީގެން ނުވާ ބަދަލެއްދިން ކަމަށް ބުނެ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިދިޔަ އޮކްޓޫބަރު މަހު އޭސީސީއަށް ހާޒިރުކުރި އެވެ.
އޭގެ އިތުރުން ނިމިގެން ދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަހުމަދު ސައީދުގެ ކޮރަޕްޝަންގެ މައްސަލަތަކެއް ސާބިތުވެ މިދިޔަ ސެޕްޓެމްބަރު މަހު އޭނާވަނީ ހަތަރު އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައެވެ.



