ފ. ނިލަންދޫގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިއްކައި ނިންމާލައިފިއެވެ.
މި މަސައްކަތް ހަވާލުކޮށް، ނިންމާފައިވަނީ އެމްޓީސީސީންނެވެ.
ހައުސިންގް މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2024 ވަނަ އަހަރުގެ މަރޗް މަހުގެ 27 ވަނަ ދުވަހުއެވެ. އެގޮތުން ނިލަންދޫ އެއާޕޯޓު ތަރައްޤީކުރުމަށް 45.6 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ.
އެމްޓީސީސީން ބުނެފައިވަނީ، ނިލަންދޫ ބިން ހިއްކުމުގެ މަޝްރޫޢަށް ބޭނުންވާ ބިން އެއްކޮށް ހިއްކާ ނިމިފައިވާ ކަމަށެވެ. ފަޅު ފުންކުރުމާއި ވެލި އެޅުމުގެ މަސައްކަތާއެކު މި މަޝްރޫއުގެ ޖުމްލަ 74 އިންސައްތަ ނިމިފައިވާ ކަމަށެވެ. ބިން ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 2098 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމާއި 1400 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތްތައްވެސް މިހާރު ސައިޓުގައި ވަނީ ފަށާފައެވެ.




