މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅިގެން ތެލާއި ގޭހުގެ އަގު މައްޗަށް ދިޔުމުން، އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގުވެސް ބޮޑުވެއްޖެއެވެ.
މިކަން އަންގަމުން އެސްޓީއޯއިން ރޭގައި ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ ކުންފުނީގެ ދަށުން ހިންގާ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑުތަކުން ޕެޓްރޯލާއި ޑީސަލް ވިއްކާ އަގަށް މިއަދުން ފެށިގެން ބަދަލު ގެނެސްފައިވާ ކަމަށެވެ.
އެގޮތުން މިހާރުގެ އަގުތަކަކީ:
° ޕެޓްރޯލް: 1 ލީޓަރު 16.01 ރުފިޔާއަށް (ކުރިން ވިއްކި އަގަކީ ލީޓަރެއް 13.50 ރުފިޔާއަށް)، އިތުރު ކޮށްފައިވަނީ 2.51 ރުފިޔާ
° ޑީސަލް: 1 ލީޓަރު 17.54 ރުފިޔާއަށް (ކުރިން ވިއްކި އަގަކީ ލީޓަރެއް 13.92 ރުފިޔާއަށް)، އިތުރު ކޮށްފައިވަނީ 3.62 ރުފިޔާ
އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކުގެ ރައްދުގައި އީރާނުން ވެސް ގެންދަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށްގެން ހަމަލާދެމުންނެވެ. އެކަމާ ގުޅިގެން މެދުއިރުމަތީގެ ދަތުރުފަތުރުގެ ނިޒާމަށް ވެސް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފަ އެވެ.
މެދުއިރުމަތިން ތެޔޮ ސަޕްލައި ކުރަން ބޭނުންކުރާ މުހިންމު ޗެނަލެއް ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި ވެސް އީރާނުން ވަނީ ބަންދުކޮށްފަ އެވެ. އެކަމާ ގުޅިގެން ތެލުގެެ އަގު އުފުލެން މިހާރު ވަނީ ފަށައިފަ އެވެ.
އެގޮތުން، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ވަނީ 82 އެމެރިކާ ޑޮލަރަށް ބޮޑުވެފަ އެވެ.
މި އަގުތަކުގެ ހަގީގީ އަސަރު ދިވެހިންނަށް ނުކުރަނީ ސަރުކާރުން ތެޔޮ ސަބްސިޑީ ދޭތީ އެވެ.
ހަނގުރާމައާ ގުޅިގެން ތެލާއި ކާބޯތަކެތީގެ އަގު ކޮންޓްރޯލްކޮށް، ރާއްޖެއަށް ބޭނުންވާ މިންވަރަށް އެ ތަކެތި ލިބޭނެ އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން ވަނީ ބުނެފައެވެ.



