އަލްއަބްރާރް ގުރޫޕުގެ ހަވާލުގައި އުމްރާ އަށް ފުރުމަށް އިއްޔެ ރޭ ހަމަޖެއްސި 110 މީހުންގެ ދަތުރު ކެންސަލްކުރީ މަގުބޫލު ސަބަބެއް ނެތިކަން މިހާތަނަށް ބެލިބެލުމުން ހާމަވެފައިވާތީ، އުމްރާއަށް މީހުން ގެންދިޔުމަށް އެ ގުުރޫޕަށް ދީފައިވާ ހުއްދަ ވަގުތީ ގޮތުން އިސްލާމިކް މިނިސްޓްރީން މިއަދުން ފެށިގެން ސަސްޕެންޑުކޮށްފިއެވެ.
މިކަމާ ބެހޭގޮތުން އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އަބްރާރު ގުރޫޕުގެ ހަވާލުގައި އުމްރާއަށް ފުރަން ހަމަޖެއްސި މީހުންގެ ދަތުރު އެންމެ ފަހު ވަގުތު ކެންސަލްކުރި މައްސަލާގައި ޝަކުވާ ލިބުމުން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އެގޮތުން މިހާތަނަށް ބެލި ބެލުމުން އެނގިފައިވަނީ، ދަތުރު ކެންސަލް ކޮށްފައި ވަނީ މަގުބޫލު އެއްވެސް ސަބަބެއް ނެތި، ރާއްޖެ އިން މީހުން އުމްރާއަށް ގެންދިއުމުގެ އުސޫލާ ހިލާފަށް ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
”މި ސަބަބަށްޓަކައި، މި ކުންފުންޏަށް ދޫކުރެވިފައިވާ ދިވެހިރާއްޖެ އިން މީހުން އުމްރާ އަށް ގެންދިއުމާ ބެހޭ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައި، އެކަން އެ ކުންފުންޏަށް މިހާރު ވާނީ އަންގައިފަ އެވެ،“ އިސްލާމިކް މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މިނިސްޓްރީން ބުނީ، އަބްރާރު ގުރޫޕުން އަމަލުކުރި ގޮތާ ގުޅޭ މައްސަލަ އިތުރަށް ބަލައި، އުސޫލުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެ ކުންފުންޏާ ދެކޮޅަށް އަޅާނެ ކަމަށެވެ.
މީގެއިތުރުން އިސްލާމިކް މިނިސްޓްރީން މިހާރު އަންނަނީ އަބްރާރް ގުރޫޕުގެ ސަބަބުން އުމްރާ އަށް ނުފުރި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ވެސް ބަލަމުން ކަމަށް ބުންޏެވެ.
އެ ގުރޫޕުގެ ހަވާލުގައި އުމްރާ އަށް ފުރުމަށް އިއްޔެ ރޭ ހަމަޖެހުނު މީހުންގެ ތެރެއިން ނުފުރުނު 28 މީހަކަށް ހައްޖު ކޯޕަރޭޝަނުން ޖާގަ ހަމަޖައްސައިދީފައިވާ ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އިއްޔެ ވިދާޅުވެފައިވެއެވެ.



