ރުޅިއައިސްގެން ރޭ މާލޭގެ ގެއަކުން ނިކުމެގެން ދިޔަ އުމުރުން 32 އަހަރުގެ ޅ. ނައިފަރު، ކަށިމާގެ / ފާތިމަތު ނޫރާ، ގެއްލިގެން ހޯދަމުން ދަނިކޮށް އަމިއްލައަށް ގެއަށް ގޮސްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ބުނީ، ރޭ 8:00 ހާއިރު ގެއިން ނިކުމެގެން ދިޔަ ގޮތަށް ދަންވަރު 00:00 ވީއިރުވެސް ގެއަށް ނުދާތީ އޭނާ ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ.
ފުލުހުން ދާދިދެންމެއަކު ބުނީ މިއަދު 11:20 ހާއިރު ނޫރާ ގެއަށް ގޮސްފައިވާ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށް ވެސް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ.
ނަމަވެސް މިކަމާ ބެހޭގޮތުން އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ނޫރާ ގެއިން ނިކުމެގެން ދިޔައީ ރުޅިއައިސްގެން ”މިދަނީ މަރުވާން“ ކަމަށް ބުނެފައި ކަމަށެވެ. އަދި އޭނާއަކީ ފިޓު ޖެހޭ، ސިކުނޑީގައި މައްސަލައެއް ވެސް ހުންނަ ކުއްޖެއްކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ. ރޭގައި ނޫރާ ގެއިން ނިކުތީ އޭނާގެ ފިރިމީހާ ދެކެ ރުޅިއައިސްގެން، ކޯކް ފުޅިއެއް ބަންޑުން ޖަހާލުމުން ފިރިމީހާ އެތަން ސާފުކުރަން އެތެރެއަށް ވަންވަގުތު ކަމުގައި ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ. ނަމަވެސް މި ޕޯސްޓުގައި ބުނެފައިވާ އެއްޗެއްގެ ސައްހަކަން ކަށަވަރު ކުރެވިފައެއް ނުވެއެވެ.




