މަޝްހޫރު ދިވެހި ފިލްމު ޑައިރެކްޓަރ އަމްޖަދު އިބްރާހިމް (އަމްޖޭ) ގެ ބަލިހާލަތު ދެރަވެ، ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
އަމްޖޭ ބަލިވެ އުޅޭތާ ދުވަސްތަކެއް ވެފައިވާއިރު، އެނގިފައިވާ ގޮތުގައި ހާލަތު ގޯސްވެގެން އޭނާ އެޑްމިޓު ކުރީ ފުއްޕާމޭގައި ފެންހެދިގެންނެވެ.
އަމްޖޭއަށް ފަރުވާ ދެމުން އަންނަނީ ޓްރީޓޮޕް ހޮސްޕިޓަލުގެ ހިތުގެ ބަލިތަކަށް ފަރުވާދޭ ޚާއްސަ ޔުނިޓު ނުވަތަ ސީސީޔޫގައެވެ.
އަމްޖޭއަކީ ކުޅަދާނަ ފިލްމު ޑައިރެކްޓަރެއްގެ އިތުރުން، މަޝްހޫރު އެތައް ފިލްމެއްގެ ސްކްރީންޕްލޭވެސް ލިޔެފައިވާ ފަރާތެކެވެ. އެގޮތުން އުދަބާނި، މިލަ ހަނދުވަރު، ސަނދުރަވިރޭ، ބާރައިގެ ފަސް، ދިން ވޭނުގެ ހިތާމައިގައި، ދޮންކަމަނަ ފަދަ އެތައް ފިލްމެއް ހިމެނެއެވެ.
އަމްޖޭއަށް ވަނީ 2006 ވަނަ އަހަރު ޕާފޯމިން އާޓްސްގެ ދާއިރާއިން ފިލްމު ޑައިރެކްޓު ކުރުމުގެ ގައުމީ އެވޯޑު ލިބިފައެވެ. އޭގެ ފަހުން، 2011 ގައި ބޭއްވި ފުރަތަމަ ފިލްމު އެވޯޑްސްގައި ބެސްޓް ޑައިރެކްޓަރުގެ އެވޯޑަށް އަމްޖޭ ނޮމިނޭޓު ވެސް ވިއެވެ.




